ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލިހަށް ގެންނެވި ބަދަލާއެކު ތިން މިނިސްޓްރީއަކަށް އައްޔަނު ކުރެއްވި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ފިނޭންސް މިނިސްޓަރު ކަމަށް މޫސާ ޒަމީރު، އަދި ފޮރިން މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ ހަލީލް އައްޔަން ކުރައްވައިފައެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޒަމީރު ކުރިން ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. ހަލީލް ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގައެވެ.
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އަބްދުﷲ ނާޒިމެވެ. އޭނާ ކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ.
ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައި ވަނީ މަޖިލިހުގައި ނެގި ވޯޓުގައި 86 މެމްބަރުންގެ އިއްތިފާގުންނެވެ.
ކެބިނެޓަށް ރައީސް ބަދަލުތަކެއް ގެންނެވީ މިދިޔަ މަހުގެ 30 ގައެވެ. ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޒަމީރު ވަނީ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފައެވެ.
މި ސަރުކާރުގެ ކެބިބެޓްގައި 22 މިނިސްޓަރުން ތިއްބަވައެވެ.
ކޮމެންޓު ފޮނުވާ