ސިޓީ މޮޅުވެ ފަސްވަނައަށް، އެވެޓަން މޮޅުވެ ދެވަނައަށް

ސިޓީ މޮޅުވެ ފަސްވަނައަށް، އެވެޓަން މޮޅުވެ ދެވަނައަށް

އިނގިރޭސި ލީގުގައި ނިއުކާސަލް އަތުން ހޯދި މޮޅާއެކު މެންޗެސްޓަރ ސިޓީން ތާވަލުގެ ފަސްވަނައަށް ކުރިޔަށްޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ސިޓީ މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ރަހީމް ސްޓާލިން ދިން ބޯޅައަކުން އިކާއީ ގުންޑުގާން ކާމިޔާބުކޮށްދިން އިރު ސިޓީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސްއެވެ. މިއީ ގުންޑޮގާން މި ސީޒަންގައި ސީޓީއަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

ރޭގެ ސިޓީގެ ފުރަތަމަ ލަނޑުޖެހުމަށް އެހީތެރިވެދިން ރަހީމް ސްޓާލިން ވަނީ މިހާތަނަށް 150 ލަނޑުޖެހުމުގައި ހިއްސާވެފައެވެ. އޭނާޖެހި 96 ލަނޑާއެކު ރަހީމް ވަނީ 54 ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ. ޓޮރޭސް ރޭގައި ޖެހި ލަނޑާއެކު މި ސީޒަންގައި އޭނާ ސިޓީއަށް ވަނީ 7 ލަނޑުޖަހާފައެވެ.

މެންޗެސްޓަރ ސިޓީ ވަނީ އެންމެފަހުން އަމިއްލަ ދަނޑުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު 12 މެޗުވެސް ކާމިޔާބުކޮށްފައެވެ. މި 12 މެޗުން ސިޓީ 41 ލަނޑު ނިއުކާސަލް ކޮޅަށް ޖެހިއިރު ބައިކޮޅަށް ވަދެފަވަނީ 7 ލަނޑެވެ. ލީގުގައި އެންމެފަހުން ރަށުން ބޭރުގައި ކުޅުނު ހަތަރު މެޗުން ވެސް ނިއުކާސަލް އަށް ވަނީ މޮޅެއް ނުހޯދިފައެވެ.

ލީގުގައި ރޭ އެވަޓަން ވަނީ ޝެފީލްޑް ޔުނައިޓެޑު މައްޗަށް ކުރި ހޯދާ ލީގު ތާވަލުގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗު އެވަޓަން މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ގިލްފީ ސިގާޑްސަންއެވެ. މިއީ މިސީޒަންގެ ލީގުގެ ވިދިވިދިގެން ހަތަރު މެޗުން އެވަޓަން މޮޅުވި ދެވަނަފަހަރުއެވެ.

މި ނަތީޖާ އެކު އެވަޓަން ދެވަނަ އަށް ކުރިޔަށް ޖެހިލީ 15 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ފަސްވަނައިގަ އޮތީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *