ދިޔަވަރު ނޫހުން ދޮގު ޚަބަރު ފަތުރާތީ އާންމުން ސަމާލުވުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

ދިޔަވަރު ނޫހުން ދޮގު ޚަބަރު ފަތުރާތީ އާންމުން ސަމާލުވުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

Author
ހުސެއިން
24 އޮކްޓޯބަރ 2024 11:59
0

ދިޔަވަރު.ކޮމް އިން ފަތުރާ ޚަބަރުތަކާމެދު އާންމުން ސަމާލުވުމަށް މީޑިއާ ކައުންސިލްއިން ގޮވާލައިފިއެވެ. މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  އެ ވެބްސައިޓަކީ ރަޖިސްޓަރީކޮށްގެން ހިންގާ ނޫހެއް ނޫންކަމަށާއި، އެ ވެބްސައިޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާކަމަށެވެ.

މި އަހަރުގެ މިހާތަނަށް މީޑިއާ ކައުންސިލަށް ލިބުނު 77 ޝަކުވާގެ ތެރެއިން 63 ޝަކުވާއަކީ ދިޔަވަރު ވެބްސައިޓާ ގުޅުންހުރި މައްސަލަތައްކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. މި ޝަކުވާތައް ބެލުމަށްފަހު، އެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދާއި އަދި މީޑިއާތަކުން ޢަމަލުކުރަންޖެހޭ އަޚްލާޤީ މިންގަނޑާ ޚިލާފަށް ޝާއިޢުކޮށްފައިވާ ލިޔުންތަކެއްކަންވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީޑިއާ ކައުންސިލުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ދިޔަވަރު ވެބްސައިޓުގައި ޝާއިޢުކުރާ ޚަބަރުތަކުގެ ޞައްޙަކަން އެހެން މީޑިއާތަކާއި މަޞްދަރުތަކުން ކަށަވަރުކުރުމަށާއި، އެ ޚަބަރުތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށެވެ. އަދި ހަމައެކަނި ސުރުޚީ ކިޔުމުގެ ބަދަލުގައި އާޓިކަލްތައް ހުޅުވައި، ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ލިޔެފައިވާ ޚަބަރެއްތޯ ޔަޤީންކުރުމަށްވެސް އެދިފައިވެއެވެ.

މީޑިއާ ކައުންސިލުގެ ޤާނޫނުގެ މަޤްޞަދަކީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ނޫންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ރަޖިސްޓަރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބަލާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ޤާނޫނާއި ގަވާއިދުގައި ނެތްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އިޖްތިމާޢީ މިންގަނޑާ ޚިލާފު ކޮންޓެންޓް ފެތުރުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތަކާއި، ކުޑަކުދިންގެ ޒާތީ މަޢުލޫމާތުތައް ފެތުރުން ފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ބްލޮކްކުރުން ހިމަނައިގެން އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.