ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް ފޮނުވައިފި، އެއްދުވަސް ތެރޭ ކޮމެޓީގެ މަސައްކަތް ނިންމަން ޖެހޭ

ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް ފޮނުވައިފި، އެއްދުވަސް ތެރޭ ކޮމެޓީގެ މަސައްކަތް ނިންމަން ޖެހޭ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި، އެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާގެ އިސްނެންގެވުމުގެ ދަށުން ތައްޔާރުކުރެއްވި ފުރަތަމަ ބަޖެޓު މިއަދު މަޖިލީހަށް ހުށަހެޅުއްވިއެވެ. މެންދުރުފަހު 1:30 ގައި ފެށުނު ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް މަޖިލީހުން ނިންމިއެވެ. އަދި ބަޖެޓު ފާސްކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބަޖެޓު ދިރާސާކުރުމަށް އެންމެ ދުވަހެއްގެ މުއްދަތު ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މި އިތުރު ބަޖެޓާއެކު ޖުމުލަ ބަޖެޓުގެ ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ. ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ދެ ބިލިއަން ރުފިޔާއެވެ. މީގެއިތުރުން، ތެޔޮ، ކާޑު، ކަރަންޓު، ނަރުދަމާ އަދި ފެނުގެ ޚިދުމަތުގެ ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ، އަދި ސްޓޫޑެންޓް ލޯނަށް 458 މިލިއަން ރުފިޔާ ހިމެނެއެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441 މިލިއަން ރުފިޔާ، އެންސްޕާއަށް 263 މިލިއަން ރުފިޔާ، މެޑިކަލް ކޮންޒިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ އަދި މުސާރައަށް 24 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި އަހަރު ފެށުނުއިރު ސަރުކާރުން ފާސްކޮށްފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭރު ކަނޑައެޅި ރިފޯމުތަކާއެކު ބަޖެޓުން 2.5 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބުނެފައިވީނަމަވެސް، އެކަން އެގޮތަށް ކުރެވިފައިނުވާތީ، މި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ޖުމުލަ ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *