ދިވެހިރާއްޖޭގެ ކުރިއެރުމަށް އިސްލާމީ ޝަހްސިއްޔަތު ޒުވާނުންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ހަދަން ޖެހޭކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ދިވެހިރާއްޖޭގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
އަސްވާޑުގެ ޚިޠާބުގައި ވިދާޅުވީ މިހާރު މުޖުތަމައަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ ހައްލަކީ ޒުވާނުން އިސްލާމީ ހަމަތަކުގެ ތެރެއިން ކަންކަން ބައްޓަންކުރުން ކަމުގައެވެ.
ގައުމުގެ މުސްތަގުބަލު ބިނާވަނީ މިއަދުގެ ޒުވާނުންގެ މައްޗަށް ކަމަށާއި، އެހެންކަމުން އިގްތިސާދީ ކުރިއެރުމަށް ފަހިވާގޮތަށް އުފެއްދުންތެރި ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަންކަން ހާސިލުކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ޒުވާނުންގެ ސިޔާސަތުން އެންމެ އެދެވޭ މަންފާ ލިބިގަތުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ވަޒީރު އިބްރާހިމް ވަހީދު، ދިވެހިރާއްޖޭގެ ޒުވާނުންނަށް ފޮނުއްވި ޚިޠާބު. pic.twitter.com/ViSTQjqVzm
— Ministry of Youth Empowerment, Information and Art (@YouthGovMv) October 22, 2024
ޒުވާނުންގެ ސިއްހަތަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، ޒުވާނުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ ޒިންމާދާރު މުރާލި ބަޔަކަށް ވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ މާޗް 1، 1992 ގަ އެވެ. އޭގެ ފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓް 12 ވަނަ ދުވަހު ވެސް ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައި ވެ އެވެ.
އަންނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ އޮކްޓޫބަރު 22 ވަނަ ދުވަސް ކަމަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން، އެ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރަން ހާއްސަ ޕްރޮގްރާމްތާކެއް ހިންގަން ވަނީ ނިންމައިފަ އެވެ.
ރައީސް ޔާމިންގެ ވެރިކަމުން ފެށިގެން ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވި ތާރީހު ކަމުގައިވާ ނޮވެމްބަރު 17ގަ އެވެ.
އެހެންނަމަވެސް، އާ ގާނޫނު އަސާސީން، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިޚާބުތަކުގައި ވޯޓު ދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާގޮތަށް ހަމަޖެއްސެވީ ރައީސް ސާލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ. އެގޮތުން ޒުވާނުންގެ ދުވަހުގެ ގޮތުގައި އޮކްޓޯބަރ 22 އެންމެ ފުރަތަމަ ފާހަގަ ކުރީ 2020 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ