ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން، އެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫޢަކާ ގުޅިގެން ޖިހާދުގެ މައްޗަށް އުފުލި ދަޢުވާއެކެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާތަނެއް ނޭނގޭތީ މައްސަލައިގެ އަމުރު ރައްދު ނުކުރެވިގެންނެވެ. ކޯޓުން ޕީޖީ އޮފީހަށް 15 ދުވަހުގެ ފުރުސަތެއް ދީފައިވަނީ ޖިހާދަށް ޗިޓު ރައްދުކުރެވޭނެ ގޮތް ސާފުކުރުމަށްފަހު މައްސަލަ އަލުން ހުށަހެޅުމަށެވެ. ސަރުކާރުގެ ކުންފުންޏެއްގެ އިސް މަޤާމެއްގައި ހުންނެވި ޖިހާދު އޭރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެހެންނަމަވެސް މިހާރު ރާއްޖެ އައުމުން މަޢުލޫމާތު ސާފުކުރުމަށްފަހު އަލުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ޗެއަރމަންގެ މަޤާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދަޢުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް ޢަމަލު ކުރެއްވި ކަމަށް ބުނެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލަ އިސްތިއުނާފުކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާންކޮށްފައި ނެތުމުންނެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖިހާދުގެ ފަރާތްޕުޅުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ދަޢުވާއެއްގައި ހުންނަންޖެހޭ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށް ބުނެއެވެ.
ކޮމެންޓު ފޮނުވާ