ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެކަމަށް ލަފާކޮށް، ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެކަމަށް ލަފާކޮށް، ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމާ ގުޅިގެން ސަމާލު ނެރެފިއެވެ.

މިގޮތުން ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް މިއަދުގެ ހެނދުނު 8:00 އިން މެންދުރު 13:00 އަށް ހުދު ސަމާލު ނެރުނެވެ. އަދި ރ އަތޮޅުން ފެށިގެން ވ އަތޮޅަށް މެންދުރު 11:00 އިން މެންދުރުފަހު 15:00 އަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ހުޅަނގު ދެކުނާއި ހުޅަނގު، އުތުރު އަދި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކުރެވެއެވެ.

ކަނޑުތައް އާންމުކޮށް ގަދަވާނެ ކަމަށާއި، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެވެއެވެ. މޫސުން ގޯސްވެފައިވާތީ، ހުރިހާ ފަރާތްތަކުންވެސް، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *