އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަން ހުށަހަޅާ އިޞްލާޙުތައް މިއަދު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި އިޞްލާޙުތަކަކީ 2019 އިން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެއްބަސްވެވިފައިވާ ބަދަލުތަކެކެވެ. އެންމެ ފަހުން މިއަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވެ، އިތުރު މަޝްވަރާތައް ކުރެވުނެވެ.
ހުށަހެޅިފައިވާ މުހިންމު އިޞްލާޙުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އުސޫލަށް ގެނެވޭ ބަދަލު ހިމެނެއެވެ. މިހާރު ޕާޓީއަކަށް ފައިސާ ލިބެނީ 10،000 މެންބަރުން ހަމަވުމުންނެވެ. ނަމަވެސް އައު އިޞްލާޙާއެކު 3،000 މެންބަރުން ތިބި ޕާޓީތަކަށްވެސް މާލީ އިނާޔަތް ލިބޭގޮތް ވާނެއެވެ. އަދި އިންތިޚާބުތަކުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް ބަލައި އިތުރު މާލީ އިނާޔަތްތައް ދިނުމަށްވެސް ހުށަހަޅާފައިވެއެވެ.
މި އިޞްލާޙުތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރެވި، ޕާޓީތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިލެކްޝަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މި އިޞްލާޙުތައް މިހާރު ވަނީ އިތުރަށް ދިރާސާކޮށް ފުރިހަމަކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހާ ހަވާލުކުރެވިފައެވެ.