އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި، ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގައި މަސައްކަތްކުރުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި ތަންފީޒުކުރުމަށް ގޮވާލައިފިއެވެ. މިއީ ވެލްފެއާ ނިޒާމު ހަރުދަނާކުރުމަށް އޭސީސީން ހުށަހެޅި 20 ލަފައިގެ ތެރެއިން އެއް މުހިންމު ހުށަހެޅުމެވެ.
އޭސީސީން އިތުރަށް ފާހަގަކޮށްފައިވަނީ އާސަންދައިން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމުގެ މުހިންމުކަމެވެ. މިގޮތުން، އެންމެ ފުރިހަމައަށް އާސަންދަ ދެވޭނެ ގޮތުގެ ދިރާސާއެއް ކުރުމަށާއި، ބޭހާއި ޞިއްޙީ ޚިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ. މީގެއިތުރުން، ޑޮކްޓަރުންނާއި ބޭސް ބޭނުންކުރުމާއި ޚިދުމަތް ދިނުމާ ގުޅޭ ކްލިނިކަލް އަދި ޕްރެކްޓިސް ގައިޑްލައިންތަކެއް އެކުލަވާލުމަށާއި، ވެލްފެއާ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ވެސް ގޮވާލާފައިވެއެވެ.
އޭސީސީން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި، އެންސްޕާއިން އެހީ ދޫކުރުމުގައި ހަމަހަމަކަން ނެތުމާއި، އާސަންދައިން ކުންފުނިތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކުރެވޭކަން ހިމެނެއެވެ. އަދި ވެލްފެއާ ނިޒާމުގެ ޤާނޫނީ އޮނިގަނޑުގެ ބަލިކަށިކަމުގެ ސަބަބުން ނަޒާހަތްތެރިކަން ކަށަވަރުނުވާކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
އޭސީސީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެންސްޕާ އަދި އާސަންދައިން ފައިސާ ދޫކުރާއިރު، އެ ފައިސާ ދޫކުރެވެނީ ހަޤީޤަތުގައި ވެސް ލިބިފައިވާ ޚިދުމަތަކަށްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ނެތްކަން ފާހަގަކޮށްފައިވެއެވެ. އަދި މުޅި ސިއްޙީ ވެލްފެއާ ނިޒާމު ޒިންމާދާރުކުރުވާނެ ވަކި ފަރާތެއް ނެތުމަކީ ވެސް ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ