ރާއްޖޭގެ ސަރަޙައްދަށް ވަނުމަށް އޮޅުވާލުމުގެ މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް މޯލްޑިވްސް އިމިގްރޭޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަން އެފަރާތުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
2024 ވަނަ އަހަރުގެ ތިން ކުއާޓަރުގެ މަޢުލޫމާތު ހިމެނޭގޮތަށް ޝާއިޢުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ޖުމުލަ 45 މީހަކު ވަނީ ރާއްޖެއަށް ވަނުމަށް އޮޅުވާލަން މަސައްކަތްކުރަނިކޮށް ހުއްޓުވިފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން (20) ހުއްޓުވިފައިވަނީ ތިންވަނަ ކުއާޓަރުގައެވެ. ދެވަނަ ކުއާޓަރުގައި 17 މީހުންނާއި، ފުރަތަމަ ކުއާޓަރުގައި 8 މީހުން ވަނީ ހުއްޓުވިފައެވެ.
މިހާރުގެ ސަރުކާރު އުފެދުނު ފަހުން، 2023 ގެ ނޮވެންބަރު 17 އިން 2024 ގެ ސެޕްޓެންބަރުގެ ނިޔަލަށް، ޖުމުލަ 50 މީހަކު ވަނީ ރާއްޖެއަށް ވަނުމަށް އޮޅުވާލަން މަސައްކަތްކުރަނިކޮށް ހުއްޓުވިފައެވެ. މި މުއްދަތުގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
– ޞައްޙަނޫން ޕާސްޕޯޓު ބޭނުންކުރުން (31 މައްސަލަ)
– އަމިއްލަ ޝަޚްޞިއްޔަތު އޮޅުވާލުން (5 މައްސަލަ)
– ދޮގު ތައްގަނޑު ބޭނުންކުރުން (4 މައްސަލަ)
– ޞައްޙަނޫން ބަޔޯމެޓްރިކް މަޢުލޫމާތު ހުށަހެޅުން (3 މައްސަލަ)
މީގެ އިތުރުން، ޞައްޙަނޫން ރެސިޑެންޓް ކާޑު، ފޯޖުކޮށްފައިވާ ޕާސްޕޯޓު، ޤާނޫނީގޮތުން ވުޖޫދުގައި ނެތް ޤައުމެއްގެ ޕާސްޕޯޓު، އަދި ޞައްޙަނޫން ވިސާ ބޭނުންކުރުން ފަދަ މައްސަލަތައްވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ތަފާސް ހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ ބޯޑަރު ސަލާމަތްކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެވެ. އަދި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޯޑަރު ކޮންޓްރޯލްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެނގެއެވެ.