އިންޑިއާގެ މަހަރާޝްތްރާގެ ގަވަރުނަރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ މަހަރާޝްތްރާގެ ގަވަރުނަރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Author
ހުސައިން
09 އޮކްޓޯބަރ 2024 11:26
0

އިންޑިއާގެ މަހަރާޝްތްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ގަވަރުނަރު ރައީސާއި ދިވެހި ވަފުދަށް މަރުޙަބާ ދަންނަވައި، މުމްބާއީއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަންގެ ފަރާތުން ލިބުނު ހޫނު މަރުޙަބާއާއި ދީލަތި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަންނަ އަހަރަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ބަދަހި ގުޅުމުގެ އަގު ވަޒަންކުރައްވާކަން ވިދާޅުވިއެވެ.

ގަވަރުނަރު ރާދަކްރިޝްނަން ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އޮންނަ ބަދަހި ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، އެހެނިހެން ދާއިރާތަކުންވެސް ދިވެހި ރައްޔިތުންނާއި މަހަރާޝްތްރާގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.