ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް ރާއްޖޭގައި ފިލްމު ކުޅުމަށް ޚާއްޞަ ދަޢުވަތެއް ދެއްވައިފިއެވެ. މި ދަޢުވަތު ދެއްވީ އިންޑިއާ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް އެ ޤައުމަށް ވަޑައިގެން މުންބާއީގެ ތާޖު މަހަލް ޕެލެސްގައި އިންވެސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފަތުރުވެރިކަން މުހިންމު ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ހަމައެކަނި ދަތުރުކުރުމެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ސަގާފީ ވިސްނުން ކުރިއެރުވުން ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް އިންޑިއާގެ 100,000 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔާފައިވާ ކަމަށާއި، ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ޖެހިޖެހިގެން 4 އަހަރު ރާއްޖެ ހޮވިފައިވާކަން ރައީސް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެ ކާމިޔާބީ ލިބިފައިވަނީ އެހެން ޤައުމުތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށާއި، އިންޑިއާއަކީ އެ ކާމިޔާބީގައި މުހިންމު ބައިވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަނީ ބޮލީވުޑްގެ ތަރިންނަށް ރާއްޖެއަށް އައިސް ފިލްމު ކުޅުމުގެ ދަޢުވަތު ދެއްވައި، ރާއްޖޭގެ ރީތިކަން ފިލްމު އުފެއްދުމުގައި ބޭނުންކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފިލްމު ޓޫރިޒަމްގައި ރާއްޖެ އިޚްތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުޙަބާ ކިޔާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުސްތަޤުބަލުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަވަމުންދާނެ ކަމަށާއި، އިންޑިއާގެ ފަތުރުވެރިން އާ ތަފާތު ތަޖުރިބާތައް ހޯދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ފަތުރުވެރިންގެ ޑިމާންޑްތައް ފުއްދުމަށް އިކޯ ޓޫރިޒަމް، ވެލްނެސް ޓޫރިޒަމް، ކޮންވެންޝަންތަކާއި ބައްދަލުވުންތައް ރާއްޖޭގައި ބޭއްވުމުގެ އިތުރުން ފީލްޑް ޓޫރިޒަމްގެ މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ޕްރޮމޯޓްކޮށް އިތުރު އިންވެސްޓަރުންނާއި ސަރުކާރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ޚާއްޞަ ނެޓްވޯކިން ބައްދަލުވުމެއް ވެސް ތާޖު މަހަލް ޕެލަސް ހޮޓެލްގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ އަރްބާޒް ޚާން، ޝިލްޕާ ޝެޓީ، އަދި ސޮނާކްޝީ ސިންހާ ފަދަ ކުޅަދާނަ ތަރިން ބައިވެރިވިއެވެ. މި ހުރިހާ ތަރިންނަކީވެސް މީގެ ކުރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ބައެކެވެ.
ރައީސް ވަނީ އެ ތަރިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި ވާހަކަދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ