ކޮރަޕްޝަނާ ދެކޮޅު އެއްބަސްވުމެއްގައި އޭސީސީއާއި އިންޑިއާގެ ސީބީއައިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފި

ކޮރަޕްޝަނާ ދެކޮޅު އެއްބަސްވުމެއްގައި އޭސީސީއާއި އިންޑިއާގެ ސީބީއައިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި، ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލެވެ. އަދި ސީބީއައިގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ޑިރެކްޓަރ، ޕްރަވީން ސޫދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، މި އެއްބަސްވުން ރަސްމީކޮށް ބަދަލުކުރެވުނެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހީމް ޝަހީބާއި، އިންޑިއާގެ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ބޯޑަރ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސެކްރެޓަރީ ޑރ. ރާޖެންދްރަ ކުމާރު ބައިވެރިވެވަޑައިގަތެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަނިވި މުހިންމު ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ:

– ކޮރަޕްޝަން ހުއްޓުވުމަށް މުހިންމު މަޢުލޫމާތު ދެ މުއައްސަސާގެ މެދުގައި ޙިއްޞާކުރުން
– އެންމެ ރަނގަޅު އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން ދިރާސާކުރުން
– ތަމްރީނާއި ތަޢުލީމީ ޕްރޮގްރާމްތައް އެކުގައި ހިންގުން
– ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން
– ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
– މުވައްޒަފުން ތަމްރީނުކުރުމާއި ޤާބިލުކަން އިތުރުކުރުން
– ކޮރަޕްޝަނާ ގުޅޭ ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް އެކުގައި ބޭއްވުން
– މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވުން
– ބައިނަލްއަޤުވާމީ ނެޓްވަރކްތައް ބޭނުންކުރުމުގައި އެއްބާރުލުން ދިނުން

އޭސީސީން ބުނާގޮތުގައި މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *