ތައިލެންޑުގައި ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް އޭޖު ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2024 ގައި ދިވެހި ފެތުންތެރިން ވަނީ އައު ގައުމީ ރިކޯޑުތަކެއް ކަނޑައަޅާފައެވެ. މި މުބާރާތުގައި އަމްނާ ތަޒްކިޔާ މިރުސާދު އަދި މިރާލް އައިން ލަތީފު ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.
އަމްނާ ތަޒްކިޔާ މިރުސާދު ވަނީ އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި އައު ގައުމީ ރިކޯޑެއް ކަނޑައަޅާފައެވެ. އޭނާ މި ރޭސް ނިންމީ 02:20.65 ގައެވެ. މީގެ ކުރިން މި އިވެންޓުގެ ރިކޯޑު އޮތީ އާމިނަތު ޝަޖަންގެ ނަމުގައެވެ. ޝަޖަން 2014 ވަނަ އަހަރު ބޭއްވުނު ސްވިމިންގ ވޯލްޑް ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި މި ރޭސް ނިންމާފައިވަނީ 02:28.41 ގައެވެ.
މިރާލް އައިން ލަތީފު ވަނީ އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި އައު ގައުމީ ރިކޯޑެއް ކަނޑައަޅާފައެވެ. މިރާލް މި ރޭސް ނިންމީ 01:14.07 ގައެވެ. މީގެ ކުރިން މި އިވެންޓުގެ ރިކޯޑު އޮތީ ހަމްނާ އަހްމަދުގެ ނަމުގައެވެ. ހަމްނާ 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި މި ރޭސް ނިންމާފައިވަނީ 01:15.82 ގައެވެ.
މި ދެ ފެތުންތެރިންގެ ކާމިޔާބީއަކީ ދިވެހި ފެތުމުގެ ކުޅިވަރަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ފެތުންތެރިން ދައްކަމުންދާ ޤާބިލުކަމުގެ ހެއްކެކެވެ. މި ކާމިޔާބީތަކަކީ ކުރިއަށް އޮތް ބޮޑެތި މުބާރާތްތަކަށް ދިވެހި ފެތުންތެރިންނަަށް ލިބޭ ހިތްވަރަކަށްވެސް ވާނެއެވެ.