ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ދެކަނބަލުން އިންޑިޔާއަށް ކުރައްވާ ތާރީޚީ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ މި ފުރަތަމަ ދަތުރުފުޅަށް ރައީސް މުޢިއްޒު ވަޑައިގަތީ އިންޑިޔާ ސަރުކާރުން ޚާއްޞަކޮށް ހަމަޖައްސަވާފައިވާ ފްލައިޓެއްގައެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުން އިންޑިޔާއަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި އާދަވެގެން ހަމަޖައްސަވާ އިންތިޒާމެކެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުންބާއީ އަދި ބެންގަލޫރަށް ވަޑައިގެން ވިޔަފާރީގެ މަޝްވަރާތައް ކުރައްވާނެއެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް މި ދަތުރުފުޅު ކުރިއަށްދާނެއެވެ. ރައީސްގެ އަރިހުގައި ވަޑައިގަންނަވާ ވަފުދުގައި ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ދަތުރުފުޅަށް އިންޑިޔާގެ މަގުތައް ވަނީ ދެ ޤައުމުގެ ދިދަތަކުން ޒީނަތްތެރިކޮށްފައެވެ. ރައީސް މުޢިއްޒަށް އިންޑިޔާއިން ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާއެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އިންޑިޔާގެ ރައީސާއި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވާނެ ދަތުރުފުޅެއް ކަމަށް ލަފާކުރެވެއެވެ.