ކްރިމިނަލް ކޯޓުން އަނެއްކާވެސް ސައިކަލެއްގެ މަޑިދަށުން ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޖަހަންގިރް އާލަމްއެވެ. އޭނާ ހައްޔަރުކުރެވުނީ 442،750 ރުފިޔާ ސައިކަލެއްގެ މަޑިދަށުން ވަގަށް ނެގި ކަމުގެ ތުހުމަތުގައެވެ.
ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ޝޮޓްތަކާއި ފައިސާގެ ވެރިފަރާތުގެ ބަޔާނެއް ހިމެނެއެވެ. ނަމަވެސް ޖަހަންގިރް ބުނެފައިވަނީ މިއީ ވިޔަފާރިއެއްގެ މައްސަލައެއްގައި އޭނާ 'ފްރޭމް’ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޖަހަންގިރް ބަންދުން ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އޭނާގެ ދިފާއުގައި ހެކިބަސް ދޭން ތިބި މީހުންނަކީ އޭނާއާ ގާތް އަދި ނުފޫޒު ފޯރުވޭފަދަ ބައެއް ކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ވައްކަން ކޮށްގެން ނަގާފައިވާ ފައިސާ އެ މީހުންގެ ގެއަކަށް ވައްދާ ކަމަށް ފުލުހުން ބުނެފައިވާކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ޖަހަންގިރްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މީގެ ކުރިން ވެސް ދެތިން ފަހަރު އިތުރުކޮށްފައިވާއިރު، އޭނާއަކީ ދެ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. މިފަހަރު ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިތުރު ފަސް ދުވަހަށެވެ.
ކޮމެންޓު ފޮނުވާ