ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަހަރު ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ 5 އޮކްޓޯބަރު 2024 ވާ ހޮނިހިރު ދުުވަހު ހެނދުނު 9:00 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މި މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވާނެއެވެ.
މި އަހަރުގެ ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެ ކަމަށް ވެއެވެ. މިއީ ޤުރުއާން ހިތުދަސްކޮށް ޙާފިޡްކަމުގެ ސަނަދު ހާސިލުކުރި ފަރާތްތަކަށް ދެވޭ ހާއްސަ އިނާމެކެވެ.