ދިވެހި ސަރުކާރުން 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ހުޅުވާލައިފިއެވެ.
މިއީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ. ފިނޭންސް މިނިސްޓްރީން ބުދަ ދުވަހު ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން، މި ޓީ-ބިލްތައް ތަފާތު މުއްދަތުތަކަށް ދޫކުރެވޭނެއެވެ. މީގެ ތެރޭގައި 28 ދުވަހުން އަނބުރާ ދައްކާގޮތަށް 289 މިލިއަން ރުފިޔާގެ ބިލާއި، 98 ދުވަހުން އަނބުރާ ދައްކާގޮތަށް 277 މިލިއަން ރުފިޔާގެ ބިލު ހިމެނެއެވެ. މީގެ އިތުރުން 182 ދުވަހާއި 364 ދުވަހުގެ މުއްދަތަށްވެސް ބިލްތައް ވިއްކުމަށް ހުޅުވާލެވިފައިވެއެވެ.
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ހުންނާނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ. ޓީ-ބިލްތައް ގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ޕެންޝަން ފަންޑާއި، ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އަދި އަމިއްލަ ބައެއް ކުންފުނިތަކަށެވެ. ޓީ-ބިލަކީ ސަރުކާރުން ދޫކުރާ ކުރު މުއްދަތުގެ ސެކިއުރިޓީޒްއެކެވެ.
މިއީ ޑިސްކައުންޓް އަގެއްގައި ވިއްކުމަށްފަހު، މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަނބުރާ ދައްކާ ގޮތަށް ނަގާ ފައިސާއެވެ. މިފަދަ ގޮތަކަށް ޓީ-ބިލް ވިއްކުމަކީ ސަރުކާރުން އާންމުކޮށް ބޭނުންކުރާ ފައިސާ ހޯދުމުގެ ވަސީލަތެކެވެ.
ކޮމެންޓު ފޮނުވާ