މަސްފެންގަނޑެއް ހެދުމަށް ކުންފުންޏެއް ހޯދުމަށް ކުރެވުނު އިޢުލާން ބާޠިލުކުރުމަށް އަންގައިފި

މަސްފެންގަނޑެއް ހެދުމަށް ކުންފުންޏެއް ހޯދުމަށް ކުރެވުނު އިޢުލާން ބާޠިލުކުރުމަށް އަންގައިފި

Author
ހުސައިން
03 އޮކްޓޯބަރ 2024 09:30
0

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑެއް ހެދުމަށް ކުންފުންޏެއް ހޯދުމަށް ކުރެވުނު އިޢުލާން ބާޠިލުކުރުމަށް އަންގާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

މިހާރު އިޤްތިޞާދު އޮތް ޙާލަތަށް ބަލާއިރު މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ފެންނާތީ މި އިޢުލާން ބާޠިލުކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މި ފެންގަނޑަކީ އިސްލާމީ މަރުކަޒު އިމާރާތްކުރި ދުވަސްވަރުއްސުރެ މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑެއްކަމަށާއި، މިހާރު ކުރިއަށްދަނީ އެތަން މަރާމާތުކުރުމުގެ މަސައްކަތް ކަމަށް ފާހަގަކުރެއްވިއެވެ.

އިއްޔެ އެ ވުޒާރާއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މުންނާރު ކައިރީގައި މަސްފެންގަނޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ބީލަން ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އެ ވުޒާރާއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އިޢުލާނުގައި އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.