ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކާ މެދު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް މަރުހަބާ ވިދާޅުވެފައިވާއިރު، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ވެސް ހުރި ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވައިފިއެވެ.
ފަތުރުވެރިކަމުން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކިން ނިޒާމު ތެރެއިން ޖަމާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ބޭރު ފައިސާގެ ދަތިކަން ހައްލު ކުރުމަށް ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމި އެންމެ ނަތީޖާ ނެރެދޭނެ ނިންމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެހެންނަމަވެސް، މި ނިންމުން ތަންފީޒު ކުރުމުގައި ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ފައްޔާޒް ދެކެވަޑައިގަންނަވައެވެ. ފަތުރުވެރިއަކަށް ވަކި ޑޮލަރު ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި، ލިބޭ ބޭރު ފައިސާގެ ވަކި އިންސައްތައެއް ކަނޑައެޅުމަށް އޭނާ ހުށަހަޅުއްވައެވެ. މިހާރުގެ ސިޔާސަތުގެ ސަބަބުން ގެސްޓް ހައުސްތަކާއި ދަށްފަންތީގެ ރިސޯޓުތަކަށް ގެއްލުން ލިބިދާނެ ކަމަށާއި، ގެސްޓްހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތު ކުރުންތަކުގެ ސަބަބުން މެދުފަންތީގެ ރިސޯޓުތަކަށް ވެސް ބޮޑަށް އަސަރުކުރާނެ ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.
މި ކަންކަމާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ މެދުގައި މަޝްވަރާކޮށް، މިހާރު އޮތް ގަވާއިދު މުރާޖައާ ކުރުމަށް ސަރުކާރާއި އެމްއެމްއޭއަށް ފައްޔާޒް އިލްތިމާސް ކުރައްވާފައިވެއެވެ. އަންގާރަ ދުވަހު ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ޓޫރިސްޓް ރިޒޯޓުތަކާއި އެހެނިހެން ފަތުރުވެރިކަމުގެ ވަސީލަތްތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަކަށް ރުފިޔާއަށް މާރު ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމާއި، މަހެއްގައި އައިސްފައިވާ ޓޫރިސްޓުންގެ އަދަދަށް ބިނާކޮށް މާރު ކުރަންޖެހޭ އަދަދު ހިސާބު ކުރުން ހިމެނެއެވެ.
އެމްއެމްއޭއިން އިއްޔެ އަމަލު ކުރަން ފެށި ގަވާއިދުތަކުގެ ދަށުން، ޓޫރިޒަމް ދާއިރާއަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން އަހަރަކު ޖުމްލަ 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ