ކުރީގެ ސަރުކާރުގެ ދައުރުގައި ޕަބްލިކް ބޭންކް އެކައުންޓްތަކުން އޯވަރޑްރޯކޮށް، ފައިސާ ޗާޕުކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި އިތުރުވެފައިވާ ފައިސާ މަދުކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަނެއް ހިންގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަދީފިއެވެ.
ސަރުކާރުގެ ފައިސާގެ ދައުރު ބެލެހެއްޓުމަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި އިތުރުވެފައިވާ ފައިސާގެ މިންވަރު ވަނީ އިތުރުވެފައެވެ. ޖުލައި މަހުގެ ނިޔަލަށް ބޭންކިންގ ނިޒާމުގައި އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގެ އިތުރު ފައިސާ ހުރި ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އެމްއެމްއޭ އިން ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ބުނެފައިވަނީ މި އިތުރުވެފައިވާ ފައިސާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް މި އަހަރު ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތަކެއް ހިންގާނެ ކަމަށެވެ.
ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު މީޑިއާއަށް ވިދާޅުވި ގޮތުގައި އޯޕަން މާކެޓް އޮޕަރޭޝަނުގެ ސަބަބުން ކޭޝް ފްލޯ މެނޭޖުކުރުމަށް ސަރުކާރަށް ދަތިތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް ޗާޕުކޮށްފައިވާ ފައިސާ އެއްފަހަރާ މަދުކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.