ޖައުހަރީ އެންމެ ފަހުން ފެނިފައިވަނީ ކަނޑުމަތީގައި މަސްބޭނުމުގައި އުޅެނިކޮށް: ޕޮލިސް

ޖައުހަރީ އެންމެ ފަހުން ފެނިފައިވަނީ ކަނޑުމަތީގައި މަސްބޭނުމުގައި އުޅެނިކޮށް: ޕޮލިސް

Author
ހުސައިން
01 އޮކްޓޯބަރ 2024 08:08
0

މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނު 62 އަހަރުގެ އިބްރާހިމް ޖައުހަރީ އެންމެ ފަހުން ފެނިފައިވަނީ ކަނޑުމަތީގައި މަސްބޭނުމުގައި އުޅެނިކޮށް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް)އިން ބުނެފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުން، އޭނާ ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 3:04 ގައި ބްރިޖު ސަރަޙައްދާ ކައިރިން މަސްބޭނުމަށް ކަނޑަށް ނިކުމެފައެވެ.

ޖައުހަރީއަކީ އިދިކޮޅު މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގިނަ ސިޔާސީ ޙަރަކާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ނެގުމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ.

62 އަހަރުގެ މިމީހާ މަރުވެފައި ފެނުނީ އުސްފަސްގަނޑު ސަރަޙައްދާ ކައިރިން ކަނޑުމަތިންނެވެ. އަދި މިކަން ފުލުހުންނަށް ރިޕޯޓުކުރެވުނީ ހޯމަ ދުވަހުގެ ހަވީރު 5:06 ހާއިރުއެވެ.

އެމްޕީއެސްއިން ހާމަކުރިގޮތުގައި އޭނާގެ ހަށިގަނޑު ގެންދެވުނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެނެވުނުއިރުވެސް ވަނީ މަރުވެފައެވެ.

މިމައްސަލައާ ގުޅިގެން އިތުރު ތަޙުޤީޤުތައް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.