ދައުލަތުގެ އިއްޒަތް އިބްރާހިމް އިސްމާއިލާއި، ބަދުރުއް ނަޞީރަށް

ދައުލަތުގެ އިއްޒަތް އިބްރާހިމް އިސްމާއިލާއި، ބަދުރުއް ނަޞީރަށް

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 09:43
0

ދިވެހި ދައުލަތުގެ ޢިއްޒަތް ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ދެ ޚިދުމަތްތެރިން ކަމުގައިވާ އިބްރާހީމް އިސްމާޢީލަށާއި، ބަދުރުއް ނަޞީރަށް ދެއްވައިފިއެވެ.

މިދެބޭފުޅުންނަށް މިއިއްޒަތް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.

އިއްޒަތް އެރުވުނު އިބްރާހީމް އިސްމާޢީލަކީ، ދިވެހި ސަރުކާރަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، ޚާއްޞަކޮށް، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދި ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެއް. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައި، ރާއްޖޭގެ ތަޢުލީމު ފުޅާކުރައްވައި، ތަރައްޤީ ކުރެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް.

ބަދުރުއް ނަޞީރަކީ، ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެށިތާ ވަރަށް ކުރީކޮޅު، އެދާއިރާއާ ގުޅިވަޑައިގެން، އެދާއިރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެއް. އަޅުގަނޑުމެންގެ ސްކޫލް ދުވަސްވަރުގައިވެސް، އޮފީސްތަކަށާއި ސްކޫލަށް ދާން ތައްޔާރުވުމުގައިވެސް، އެންމެންގެ ބައިވެރިއަކީ، ބަދުރުވެސް ހިމެނިވަޑައިގެން ގެނެސްދެއްވި، ބާއްޖަވެރި ހެނދުނެއް. މަރްޙޫމް ޖަމީލު ދީދީގެ ވާހަކަ، "ގިތެޔޮ ގުޅި"، އޭގެ ފުރިހަމަ އަސަރާއެކު އަޅުގަނޑުމެންނަށް އިޙްސާސްކުރެވުނީ، ޑްރާމާއެއްގެ ގޮތުގައި ބަދުރުމެން އެ ވާހަކަ ހުށަހަޅުއްވައިދެއްވިލެއް ފުރިހަމަކަމުން. މަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމްގެ ވާހަކަ، "ޙަޔާތުގެ ރާސްތާ"އަކީވެސް، ބަދުރުގެ ބައިވެރިވުން ވަރަށް ފާހަގަކުރެވުނު ޑްރާމާއެއް.

ހަމައެކަނި އެބޭފުޅެއްގެ އަޑު އިވިގެން، ރާއްޖޭގެ އުތުރުން ދެކުނަށް، އެބޭފުޅަކަށް އިޙްތިރާމާއި ލޯބި އުފެދުނު މަދު ބޭފުޅުންގެ ތެރޭގައި ބަދުރު ހިމެނިވަޑައިގަންނަވާ. ބަދުރުއް ނަޞީރަށާއި އިބްރާހީމް އިސްމާޢީލަށް، ރައީސުލްޖުްހޫރިއްޔާ ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާފައެވެ.

މިރޭގެ މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންނަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 24 ބޭފުޅުންނަށްވެސް ރައީސްވަނީ ތަހުނިޔާ ދަންނަވާފައެވެ.

އަދި މަތީ ދަރަޖަ ހޯދައިގެން ޚާއްޞަ އިނާމު ޙާޞިލުކުރައްވާ، ރާއްޖޭގެ ޒުވާން ޢިލްމީ ބޭފުޅުންނަށާއި، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން ރަން ވަނަ ޙާޞިލު ކުރެއްވި ކުޅުންތެރިންނަށްވެސް، ތަހުނިޔާ ދަންނަވާފައެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖަ ޙާޞިލުކުރާ ޙާފިޡުންގެ ތެރެއިން މިރޭ މެޑް ލިބިވަޑައިގެންނެވި 4 ޙާފިޡުންނަށްވެސް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ކޯވިޑްގެ ދަތި އުނދަގޫ ޙާލަތުގައިވެސް، މިއަހަރު ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާ ބެހޭ ކޮމިޓީން ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، ކޮމިޓީގެ ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދަށާއި، ކޮމިޓީގެ ހުރިހާ މެންބަރުންނަށް، ރައީސްވަނީ ޝުކުރު ދަންނަވާފައެވެ އަދި ޚާއްޞަ އިނާމާ ބެހޭ ކޮމިޓީގެ މެންބަރުން ކޮށްދެއްވި މަސައްކަތްޕުޅުތައް ހަނދާންކޮށް، ކޮމިޓީގެ ޗެއަރމަން ޑޮކްޓަރ އިބްރާހީމް ޙަސަނަށާއި، ކޮމިޓީގެ މެންބަރުންނަށްވެސް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.