ވޯޓަރ ބަންކަރިންގެ ޚިދުމަތް ހޯދަން ޕެނަމާގެ އާގުބޯޓެއް އިހަވަންދިއްޕޮޅަށް ބަނދަރު ކޮށްފި

ވޯޓަރ ބަންކަރިންގެ ޚިދުމަތް ހޯދަން ޕެނަމާގެ އާގުބޯޓެއް އިހަވަންދިއްޕޮޅަށް ބަނދަރު ކޮށްފި

Author
ޙަސަން މުޙައްމަދު
01 އޮކްޓޯބަރ 2024 05:00
0

ރާއްޖެއިން ވޯޓާ ބަންކަރިންގެ ހިދުމަތް ހޯދުމަށް ޕެނަމާގެ ބޯޓެއް އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބަނދަރުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޖީހު ވިދާޅުވި ގޮތުގައި، މި ޕެނަމާގެ އޮއިލް ޕްރޮޑަކްޓްސް ޓޭންކަރުން ބަންކަރިންގެ ހިދުމަތުގެ އިތުރުން ސާފު ބޯފެން ފޯރުކޮށްދިނުމާއި، ޕައިލެޓޭޖްގެ ހިދުމަތާއި، ފަޅުވެރިން ބަދަލުކުރުމާއި، ކާބޯތަކެއްޗާއި ސްޕެއާ ޕާޓްސް ސަޕްލައި ކޮށްދިނުން ފަދަ އިތުރު ހިދުމަތްތަކެއް ހޯދުމަށް އެދިފައިވެއެވެ. މި ހިދުމަތްތައް ދިނުމުގައި އެމްޕީއެލްގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން، ބައެއް މެއިންޓެނަންސް މަސައްކަތްތައް ކުރަން ޖެހޭތީ، ފަސް ވަރަކަށް ދުވަހު އެ ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކޮށްފާނެ ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ. މިކަމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މެރިޓައިމް ދާއިރާއިން ހިދުމަތް ދިނުމަށް އެމްޕީއެލުން ހއ. އުލިގަމުގައި "އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ" ނުވަތަ އައިޕީއެސް ގޭޓް ފެސިލިޓީއެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން، ހިދުމަތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ums.mv ގެ ނަމުގައި ހާއްސަ ވެބްސައިޓަކާއި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ އޮއިލް ބަންކަރިންގެ ހިދުމަތް ދެނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ނެދަލޭންޑްސްގެ ވިޓޯލްއާ ގުޅިގެން އެސްޓީއޯއިންނެވެ. މި ހިދުމަތް ފެށުމުގެ ގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮލަންބޯ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ވައިސީ ބެރިއާ ކިޔާ ބޯޓަކަށް ހިދުމަތް ދީފައިވެއެވެ.

ރާއްޖެއިން ބަންކަރިންގެ ހިދުމަތް ފެށި ޗެނަލުން މިހާރުވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. މި އުޅަނދުތަކުގެ އެއް ޕަސެންޓަށް ހިދުމަތް ދެވުނު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބި، މިއީ ދެމެހެއްޓެނިވި، ފައިދާ ބޮޑު ސިނާޢަތަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.