މިވަގުތަކީ މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ވިޔަފާރިވެރިތަކަށް ދޫކޮށްލެވޭނެ ވަގުތެއްނޫން: ރައީސް

މިވަގުތަކީ މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ވިޔަފާރިވެރިތަކަށް ދޫކޮށްލެވޭނެ ވަގުތެއްނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 09:31
0

މިވަގުތަކީ މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ވިޔަފާރިވެރިތަކަށް ދޫކޮށްލަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ދެއްވާ އިނާމުތައް ދިނުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު، ޤައުމު ކުރިން އޮތް ޙާލަތަށްވުރެވެސް، ރަނގަޅު ޙާލަތަކަށް ގެންދެވޭނީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކޮށްގެންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ

ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ ޞިނާޢަތެއްކަމަށެވެ. އެއީ ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން ކަމުގައެވެ.

މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މިޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރިކަމަށެވެ. އެގޮތުން ވަރަށް ގިނަ ލުއިތަކެއް ވެސް ދިން ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތަކީ ކަންބޮޑުވާ ހާލަތެއްގައިކަމަށެވެ. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއް ވެފައިވާއިރު، ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯއަށް 571 މިލިއަން ރުފިޔާ ވަނީ ދީފައިވާކަމަށެވެ. އަދި އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި ކަމުގައެވެ.

މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ ވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއްގެ ފައިސާ މިވަނީ ދެވިފައި.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ. މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.