ރާއްޖެ މިއަދު އޮތް ނިކަމެތި ހާލަތުން އަރައިގަތުމަށް އޮތް ހަމައެމަނި އުންމީދަކީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ގިނަ ދުވަސްތަކަކަށްފަހު ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރާއްޖެ މިއަދު މިދާ މިސްރާބަށް ދޫކޮށްލައިފިނަ ކުރިއަށް އޮތް ދިގު ތާރީހުގައިވެސް ރާއްޖެ އަތުނުޖެހޭހާ ނިކަމެތި އަނދަވަޅަކަށް ވެއްޓިގެން ދާނެކަމަށެވެ. ޤައުމުގެ އިޤްތިޞާދާއި، އިޖުތިމާއީ ފޭރާން މިއަދު އޮތީ މިއިން ޒަމާނަކުވެސް ހަލާކުވެ ބިކަ ނުވާހާ ދަރަޖައަކަށް ވެއްޓި ނިކަމެތި ވެފައިކަމަށް ޣައްސާން ވިދާޅުވިއެވެ.
މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދިފައި ނުވާއިރު، އާންމު ޒަރޫރީ ބޭނުންތައްވެސް ނުފުއްދި ރައްޔިުތުން ނިކަމެތި ވަމުންދާތަން ފެންނަމުންދާކަމަށެވެ. މިކަން ބަދަލު ކުރެވޭނީ ނަތީޖާ ނެރެދެއްވައި ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރައްވާބޭފުޅަކަށް ޤައުމުގެ ހުންގާނާއި ހަވާލުވެގެންކަމަށް ޣައްސާން ވިދާޅުވިއެވެ. އެބޭފުޅަކީ މިހާރުވެސް އިރުމަތިންނާނާއި، ކުރިމަތިންނާއި، އަރިމަތިންވެސް ފެންނަން ހުރި ތަރައްޤީ މިޤައުމަށް ގެނެސްދެއްވި ބާނީ ރައީސް ޔާމީން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީވެސް ޤައުމުގައި ހުރި މައްސަލަތަކާއި ކުރިމަތި ލުމަށްކަމަށާއި، އެމަނިކުފާނު ވެރިކަން ނިންމާލީވެސް އެމައްސަލަތަކަށް ހައްލު ގެނެސްދެއްވައި ތަރައްޤީގެ މުޅިން އާ ރާއްޖެއެއް ބިނާކޮށްދެއްވާފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ. މިއަދުވެސް މިޤައުމުގައި ހުރި ދީނާއި ޚިލާފް ކަންކަމާއި، މަސްތުވާތަކެއްޗާއި، ވައްކަމާއި، ފޭރުން ހުއްޓުވައި، ތަރައްޤީގެ ކަންކަން ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށް ޣައްސާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ