ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު، ޖައްމޫ ކަޝްމީރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާ ދެކޮޅު ސިޔާސީ ޕާޓީތަކުން އުފެއްދި ކޯލިޝަލުން ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނިކޮން، އިންޑިއާ ސަރުކާރުން ޖައްމޫ ކަޝްމީރުގެ ސިޔާސީ އިސް 75 ލީޑަރަކު ހައްޔަރު ކޮށްފިއެވެ.
ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ނިސްބަތްވާ، ހިންދޫންގެ ވަތަނީ ޕާޓީ ބީޖޭޕީއަށް ވަނީ، ބޮޑި ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ.
މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ، ޖައްމޫ ކަޝްމީރުގައި ބޭއްވުނު ޑިސްޓްރިކްޓް ޑިވެލޮޕްމެންޓް ކައުންސިލް އިންތިޚާބަކީ، ޒަމާނުއްސުރެ އިންޑިއާގެ ގާނޫނު އަސާސީން ކަޝްމީރަށް ދީފައި އޮންނަ ސަރަހައްދީ މިނިވަންކަން، ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ސަރުކާރުން، ނިގުޅައިގަތް ފަހުން ބޭއްވުނު ފުރަތަމަ ސަރަހައްދީ އިންތިޚާބެވެ.
އިންޑިއާއިން ކަޝްމީރަށް ދީފައޮންނަ ސަރަހައްދީ މިނިވަންކަން އެގައުމުގެ މިހާރުގެ ސަރުކާރުން ނިގުޅައިގަތުމާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކާ ބާރުގެ ބޭނުންކޮށް އަދި ކަޝްމީރުގެ އެތަކެއް ސިޔާސީ ލީޑަރުންނެއް ހައްޔަރުކޮށްފައި ވެއެވެ.
ކަޝްމީރު ސަރަހައްދުގެ ސީނިއަރ ޕޮލިސް އޮފިސަރަކު، ނަން ހާމަ ނުކުރުމަށް އެދި، ބައެއް މީޑިއާތަަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކަޝްމީރު ސަރަހައްދުގެ ސިޔާސީ ގިނަ ލީޑަރުންތަކެއް ހައްޔަރު ކޮށްފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބަށްހު، އުފެދިދާނެ ހަމަނުޖެހުންތަކެއް ކޮންޓްރޯލް ކުރުމަށް އެޅިފިޔަވަޅެއްގެ ގޮތުގައެވެ.
އިންޑިއާއިން ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުންގެ ތެރޭގައި، ޖައްމޫ ކަޝްމީރު އިންޑިއާގެ އަޅުވެތިކަމުން މިނިވަން ކުރުމަށް ޖިހާދުކުރާ ޖަމާއަތްތަކުގެ ލީޑަރުންނާއި އަދި، މީގެ އިތުރުން އިންޑިއާ ސަރުކާރުން މަނާ ކޮށްފައިވާ ޖަމާއަތެއް ކަމުގައިވާ ޖަމާއަތޭ އިސްލާމީ ގުރޫޕުގެ މެމްބަރުންވެސް ހިމެނެއެވެ.
ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރި، މޯޑީއާ ދެކޮޅު އިއްތިހާދުގެ މުހިންމު ޕާޓީއެއްކަމުގައިވާ ނޭޝަނަލް ކޮންފަރެންސްގެ ތަރުޖަމާން، އިމްރާން ނާއިބް ދަރު ވިދާޅުވި ގޮތުގައި، އިންޑިއާ ސަރުކާރުން، ކަޝްމީރުގެ އެތަކެއް ސިޔާސީ ލީޑަރުންނެއް ހައްޔަރުކުރި ކުރުމަކީ، ރައްޔިތުން މި އިންތިޚާބުގައި އިއްވި ހުކުމް ބަލައި ނުގަތުން ކަމުގައެވެ.
ކުރީގެ ޗީފް މިނިސްޓަރު، އަދި ނޭޝަނަލް ކޮންފަރެންސް ޕާޓީގެ ވެރިޔާ އުމަރު އަބުދުﷲ ވިދާޅުވި ގޮތުގައި، މޯޑީއާ ދެކޮޅު އިއްތިހާދަށް މިއިންތިޚާބުގައި ލިބިގެން ދިޔަ ބޮޑު ކާމިޔާބުން ދައްކުވައިދެނީ، ކަޝްމީރަށް ލިބިފައިވާ ސަރަހައްދީ މިނިވަންކަން މޯޑީގެ ސަރުކާރުން ނިގުޅައިގަތް ގަތުން، ކަޝްމީރުގެ ރައްޔިތުން ބަލައި ނުގަންނަ ކަމެވެ.
އިންޑިއާއަށް ތާއީދުކުރާ، އެހެންމަވެސް، ކަޝްމީރުގައި އަމިއްލަވެރިކަމެއް އޮންނަން ބޭނުންވާ، "ދަ ޕީޕަލްސް އެލައަންސް ފޯ ގުޕްކާރ" (PAGD) އިން ޑިސްޓްރިކްޓް ޑިވެލޮޕްމަންޓް ކައުންސިލް އިލެކްޝަން ކާމިޔާބު ކޮށްފައިވަނީ، 280 ގޮޑީގެ ތެރެއިން 112 ގޮޑި ކާމިޔާބު ކޮށްގެންނެވެ. މި އިންތިޚާބުތައް ބާއްވައިފައިވަނީ، ނޮވެމްމަބަރު 29 އިން ފެށިގެން ޑިސެމްބަރު 19ގެ ނިޔަލަށް 8 ބުރަކަށް ބަހާލައިގެންނެވެ.
މިއިންތިޚާބުގައި، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯޑީގެ، ހިންދޫ ވަތަނީ ޕާޓީ، ބީޖޭޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 74 ގޮޑިއެވެ.
ބީޖޭޕީގެ ތާއިދު އެންމެ ކުޑަކޮށް އޮންނަ، ޖަންމޫ ވެލީން އެޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 3 ގޮޑިއެވެ. ޕީޖޭޕީއަށް ކިޔާވެސް ތާއީދެއް ލިބިފައިވަނީ، ޖަންމޫ އޭރިޔާގައި ހިންދޫ މެޖޯރިޓީ އޮންނަ އަވަށްތަކުން އެކަންޏެވެ.
އިންޑިއާއިން ކޮންޓްރޯލް ކުރަމުންދާ ކަޝްމީރު ސަރަހައްދުގެ، 20 ޑިސްޓްރިކްޓުގައި، ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ 6 މިލިއަން މީހުންގެ ތެރެއިން %51 މީހުން މިއިންތިޚާބުގައި ވޯޓުލާފައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން، މިއިންތިޚާބު ސިފަ ކޮށްފައިވަނީ، "އެންމެ ބޮޑު ޑިމޮކްރަސީގެ ފެސްޓިވަލް"ގެ ގޮތުގައެވެ.
އިންތިޚާބު ކާމިޔާބުކުރި ކޯލިޝަން (PAGD)ގެ ތަރުޖަމާން، އަދި ކޯލިޝަންގައި ހިމެނޭ އިންޑިއާަށް ތާއީދުކުރާ ޕާޓީއެއް ކަމުގައިވާ، ޕީޕަލްސް ކޮންފަރެންސްގެ ރައީސް، ސަޖަދު ލޯން ވިދާޅުވެފައިވަނީ، މިއިންތިޚާބަކީ، (PAGD)އަށް ތާޢިދުކޮށް ރައްޔިތުން ކޮށްފައިވާ ފުރިހަމަ ހުކުމެއް ކަމުގައެވެ.
'އުންމީދު ކުރަނީ، މިއިންތިޚާބަށްފަހު، ސިޔާސީ މުހިންމު މަސައްކަތްތަކެއް ފެށިގެން ދާނެ ކަމަށް،" ލޯން ވިދާޅުވިއެވެ.
ކަޝްމީރުގެ މިސަރަހައްދުގެ ސިޔާސީ ހުރިހާ ހަރަކާތެއް ފާއިތުވެދިޔަ އަހަރު ހުއްޓުމަކަށް އައީ، މޯޑީގެ ސަރުކާރުން، އެގައުމުގެ ގާނޫނު އަސާސީގައި ކަޝްމީރަށް ލިބިދީފައި އޮންނަ މިނިވަންކަން ހިމާޔަތް ކޮށްދޭ މާއްދާ އާރޓިކަލް 370 މިދިއަޔަ އަހަރުގެ އޮގްސްޓު މަހު އުވާލުމާ ގުޅިގެންނެވެ. އަދި އެއަށްފަހު އިންޑިއާ ސަރުކާރުންވަނީ މިސަރައްހައްދުގެ ގިނަ ސިޔާސީވެރިން ހައްޔަރު ކޮށްފައެވެ.
ގިނަ ޕާޓިތަކެއް އެކުލެވޭ ކޯލިޝަނެއް އުފައްދައިގެން މި އިންތިޚާބުގައި ކަޝްމީރުގެ ގިނަ ޕާޓީތަކެއް ވާދަކުރަން މިނިންމީ، ޕީޖޭޕީ ބޮޑުތަނުން ބަލިކޮށް، މޯޑީގެ ސަރުކާރުން ނިގުޅައިގެންފައިވާ، އިންޑިއާގެ ގާނޫނު އަސާސީން އެސަރަހައްދަށް ކަށަވަރު ކޮށްދޭ މިނިވަންކަން އަބުރާ އިއާދަ ކުރުމުގެ މަގުސަދުގައެވެ.
ކޮމެންޓު ފޮނުވާ