ސަލްމާން މިސްކިތުގެ އިމާމު އަދި ޑެޕިއުޓީ މިނިސްޓަރ އަބްދުލްޖަލީލް އިސްމާއިލްގެ މައްޗަށް ލިޔެކިޔުން ފޯޖުކުރިކަމުގެ ތުހުމަތު ކުރެވި، ފުލުހުން އެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް އިއުލާނުކޮށްފިއެވެ. ފުލުހުންގެ ބަޔާނުގައި ވާގޮތުން، މި މައްސަލަ ރިޕޯޓުކުރެވުނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
މި ތުހުމަތު ކުރަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ހއ. ހޯރަފުށި، ޑީންސްވިލާގޭ ހާޝިމް މުޙައްމަދުގެ އާއިލާއިންނެވެ. އާއިލާގެ ބުނުމުގައި، ލިޔެކިޔުންތައް ބަދަލުކޮށް، ހާޝިމްގެ ހުރިހާ ވިޔަފާރިތަކެއް ޖަލީލުގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
މީގެއިތުރުން، ފާއިތުވި ހަފުތާގައި ހާޝިމްގެ އާއިލާ މެންބަރުންނާއި ޖަލީލާ ދެމެދު ފިހާރައެއްގައި ހިނގި ހަމަނުޖެހުމެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ. ފުލުހުން މި ހާދިސާވެސް ތަޙުޤީޤުކުރަމުންދާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅުމަށް ދެފަރާތަށްވެސް އިރުޝާދު ދީފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ހާޝިމްގެ މަރާ ގުޅޭގޮތުން ޝައްކުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ، އޭރު ފުލުހުން އެ މައްސަލައިގެ ތަޙުޤީޤު ފަށާފައިވާކަން އިއުލާނުކުރިއެވެ. ނަމަވެސް، އޭގެފަހުން މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ