ރާއްޖޭގެ އާބާދީގެ 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތައަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަންޖެހޭ މީހުން: އެޗްޕިއޭ

ރާއްޖޭގެ އާބާދީގެ 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތައަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަންޖެހޭ މީހުން: އެޗްޕިއޭ

ގުޅުންހުރި

ދިވެހިރާއްޖޭގެ އާބާދީގެ ފާހަގަކުރެވޭ މިންވަރެއްގެ ބަޔަކު ހިތުގެ ބަލީގެ ޝިކާރައަކަށް ވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އައު ރިޕޯޓަކުން ހާމަވެއްޖެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތަކުން އަސަރު ފޯރާފައިވާ މީހުންނެވެ. އަދި މިއަށްވުރެ މާ ގިނަ، 27.7 އިންސައްތަ މީހުންނަކީ މިފަދަ ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަމުންދާ ފަރާތްތަކެވެ.

ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހާ ގުޅުވައިގެން ނެރުނު މި ރިޕޯޓުގައި، ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބަކީ ހިތުގެ ބަލި ކަމަށް ފާހަގަކޮށްފައިވެއެވެ. ދުނިޔޭގެ ހާޓް ފެޑެރޭޝަނުގެ ލަފާކުރުންތަކަށް ބަލާއިރު، ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވަނީ ހިތުގެ ބައްޔާ ގުޅުންހުރި ސަބަބުތަކާ ހުރެއެވެ. މީގެ ތެރޭގައި ކޮރޮނަރީ ހާޓް ޑިޒީޒް އާއި ސްޓްރޯކް ފާހަގަކޮށްލެވެއެވެ.

ހިތުގެ ބަލީގެ ނޭދެވޭ އަސަރުތައް ހަމައެކަނި ބަލިޖެހޭ މީހާއަށް އެކަނި ކުރާ ކަމެއް ނޫނެވެ. އޭގެ އަސަރު ބަލިމީހާގެ އާއިލާއަށާއި މުޅި މުޖުތަމަޢުއަށް ވެސް ކުރެއެވެ. ނަފްސާނީ އަދި މާލީ ގޮތުން ވެސް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

މި ބަލީގެ ނުރައްކަލުން ސަލާމަތްވުމަށް އެޗްޕީއޭއިން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި ޤަވާޢިދުން ޞިއްޙީ ޓެސްޓުތައް ހެދުމާއި، ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންވަރު ބެލެހެއްޓުން ހިމެނެއެވެ. ޚާއްޞަކޮށް ލޭގެ ޕްރެޝަރަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މިއީ ހިތުގެ ބައްޔަށް އޮތް އެންމެ ބޮޑު ނުރައްކަލަކަށް ވުމާއެކު، ކުއްލި މަރަށް މެދުވެރިވާ އެއް ސަބަބު ކަމަށް ވާތީއެވެ. މީގެ އިތުރުން، ޤަވާޢިދުން ޑޮކްޓަރަށް ދެއްކުމާއި ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަކީ ވެސް މުހިންމު ކަމެއް ކަމުގައި އެޗްޕީއޭއިން ފާހަގަ ކޮށްފައު ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ