ވިލާ ކޮލެޖުން މިއަހަރު 1،237 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.
މި ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކުރުމަށް އިއްޔެ ދެ ބުރަކަށް ބަހާލައިގެން ޖަލްސާތަކެއް ބޭއްވުނެވެ. ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ދަސްވެނިވީ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތް ސައިންސް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަދި ސްކޫލް އޮފް ކޮމްޕިއުޓަ ސްޓަޑީޒްގެ ދަރިވަރުންނެވެ. މެންދުރުފަހު ބޭއްވުނު ރަސްމިއްޔާތުގައި ދަސްވެނިވީ ސެންޓަ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ސްކޫލް އޮފް ސައިކޮލޮޖީ، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އަދި ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ދަރިވަރުންނެވެ.
ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރު 53 ޕްރޮގްރާމަކުން ދަރިވަރުން ދަސްވެނިވިއެވެ. މީގެ ތެރެއިން 15 ޕްރޮގްރާމް ހިންގާފައިވަނީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑާ ގުޅިގެންނެވެ. އަދި 38 ޕްރޮގްރާމް ހިންގާފައިވަނީ ސީދާ ވިލާ ކޮލެޖުންނެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން 71 އިންސައްތައަކީ އަންހެން ދަރިވަރުންނެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު، ދަރިވަރުން ކިޔެވި ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވިއެވެ. އަދި ވިލާ ކޮލެޖަކީ ދަރިވަރުންގެ ކިޔެވުން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ތަޢުލީމީ މުއައްސަސާއެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިދިޔަ އަހަރާ އަޅާބަލާއިރު ދަސްވެނިވި ދަރިވަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވި ގޮތުގައި، ކޮލެޖުގެ ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ގްރެޖުއޭޓް އެޓްރިބިއުޓްތައް އަށަގަންނަ ގޮތަށެވެ. މީގެ ތެރޭގައި އިލްމު ހޯދުމުގެ ޤާބިލުކަމާއި، ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ރޫހާއި، ފަންނީ ޤާބިލުކަން ހިމެނެއެވެ. މި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާނެކަމަށާއި، މީގެ ސަބަބުން ދިރިއުޅުމަށްވެސް ހެޔޮ އަސަރުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ވައިސް ޗާންސެލަރ ސްޓީވެން ވެސްޓް، ވިލާ ކޮލެޖަކީ ރާއްޖޭގައި ކިޔެވުމަށް އެންމެ ރަނގަޅު އެއް ކޮލެޖުކަމުގައި ފާހަގަކުރެއްވިއެވެ.