ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް އޮތްތާނގައި ކުޅިވަރާއި އެހެނިހެން ދާއިރާތަކުން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު ވަންލީ ޒިންގ ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގައި ބޭއްވުނު ލާމު-ޝިއާމެން މެރަތޯންގައި ބައިވެރިވެވަޑައިގެން ދެއްވި އިންޓަވިއުއެއްގައި ސަފީރު ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ނިންމެވި މުހިންމު ނިންމެވުންތައް ތަންފީޒުކުރުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.
ސަފީރުގެ ވާހަކަފުޅުގައި، މި މެރަތޯނަކީ ރައީސްގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން ނިންމެވި މުހިންމު ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ. އެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ ޝިއާމެން ސިޓީގައި ރައީސް ވަނީ ލޯކަލް ލީޑަރުންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ސަފީރު އިތުރަށް ވިދާޅުވީ ދެޤައުމުގެ އިސްވެރިންގެ މަޝްވަރާތަކާއި އިރުޝާދުގެ ދަށުން ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ކުރިމަގުގައި ދެޤައުމުގެ ގުޅުން ފެންނަނީ ވަރަށް އުޖާލާކޮށްކަމަށެވެ.
މި މެރަތޯނާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިފަދަ ހަރަކާތްތަކުން ރާއްޖެއަށް ސިއްޙީ އަދި ފަތުރުވެރިކަމުގެ ފައިދާތަކެއް ލިބެމުންދާ ކަމަށެވެ. މިއީ ދުޅަހެޔޮ ޞިއްޙަތަކަށް ބާރުއަޅާ ކަމެއްކަމަށާއި، ޗައިނާގެ ރައްޔިތުންގެ މެދުގައި ރާއްޖެއާމެދު އިތުރަށް ޝައުޤުވެރިކަން އުފެދޭނެ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަންނަ ޖެނުއަރީ މަހު ޝިއާމެންގައި އޮންނަ މެރަތޯނުގައި ބައިވެރިވުމަށް ރާއްޖެއަށް ދަޢުވަތު ލިބިފައިވާ ކަމަށާއި، އެ ފުރުޞަތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ބޫތެއް ބެހެއްޓުމުގެ ފުރުޞަތުވެސް ލިބިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ޤައުމެކެވެ. މީގެ ތެރޭގައި ލ. އަތޮޅު ލިންކް ރޯޑު، ސިނަމާލެ ބްރިޖް އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފަދަ މުހިންމު މަޝްރޫޢުތައް ހިމެނެއެވެ. ލ. އަތޮޅު ލިންކް ރޯޑަކީ ރާއްޖޭގައި އެއްގަމުން 4 ރަށެއް ގުޅުވާލަދޭ، ޗައިނާގެ އެހީގައި ތަރައްޤީކޮށްފައިވާ ރާއްޖޭގެ އެންމެ ދިގު މަގެވެ.