ފައިލް ފޮޓޯ

މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރު ކޮށްފި

ގުޅުންހުރި

ކިލޯއެއްހާ މަސްތުވާތަކެތި ހިމެނޭ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތަކީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނެކެވެ.

އޭނާ ތުހުމަތުކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ޓްރެފިކްކުރުމުގެ މައްސަލައެއްގައެވެ.

މި މައްސަލައާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ. އޭނާ ބަންދުގައި ބަހައްޓަންވާނީ ޖަލެއްގައެވެ.

ކޯޓުން ބުނިގޮތުގައި އޭނާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ.

އޭނާ ހައްޔަރުކުރިއިރު، އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓުން މަސްތުވާތަކެތި ވިއްކުމުގެ މިންގަނޑަށްވުރެ އިތުރަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ޕެކެޓްކުރާ ތަކެތި ފެނިފައިވެއެވެ.

މީގެ އިތުރުން، މި މީހާއަކީ މަސްތުވާތަކެތި ވިއްކައި ޓްރެފިކްކުރުމުގެ ފުޅާ ވިއުގައެއްގެ ބައިވެރިއެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޤަބޫލުކުރެއެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާގެ ދަށުން، އޭނާ މިނިވަންކަމާއެކު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭތީ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 (ޅ) ގެ (1)، (3) އަދި (6) ގައިވާ ޝަރުތުތައް ފުރިހަމަވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދިފާޢުން ބުނެފައިވަނީ، އޭނާ ހުރި އެޕާޓްމަންޓުގެ ބަދިގެއާއި ކޮޓަރިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ޕެކެޓްކުރާ ތަކެތި ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން، އެ އެޕާޓްމަންޓަކީ އޭނާ ދިރިއުޅޭ ތަނެއް ނޫންކަމަށާއި، އެޕާޓްމަންޓަށް ވަދެ 20 އިން 30 މިނެޓުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބަލައި ފާސްކުރި އެހެން އެޕާޓްމަންޓުތަކަކުންނާއި ދެ ކާރަކުންވެސް އިތުރު މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ނަމަވެސް، މި ތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ އެއް ކިލޯގެ މަސްތުވާތަކެތި ހިފެހެއްޓިފައިވެއެވެ.

ހައްޔަރުކުރެވުނު މީހާގެ ކުށުގެ ރެކޯޑު ހައްޔަރާއި ބަންދުގެ ލޮގުތަކުން ފެންނަން ހުރިކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި މިއީ އިތުރު ފަރާތްތަކެއްގެ ބައިވެރިވުން އެކުލެވޭ މައްސަލައެއްކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ