މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދައްކާ ޚަލާސްކުރެވޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މި މައްސަލަ ހައްލުކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ، މާލީ ވުޒާރާ އަދި މިފްކޯ ގުޅިގެން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މިހާރު މަސްވެރިންނަށް ނުދެވި ހުރި 17 މިލިއަން ރުފިޔާ އަންނަ ހަފުތާގެ ތެރޭގައި ދެއްކުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީތެރިކަމާއެކު މިފްކޯއިން ދައްކާ ނިންމާފައިވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ފަހުން މަސްވެރިންނަށް ގަވާއިދުން ފައިސާ ދެއްކުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނެ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގަކަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ހޯދައި، ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.