ފާމަސީއެއްގެ ޓިނުނަގައި ސީލިންގ ފަޅާލައިގެން ފައިސާ ނެގިކަމަށް ތުހުމަތު ކުރެވެނު މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި

ފާމަސީއެއްގެ ޓިނުނަގައި ސީލިންގ ފަޅާލައިގެން ފައިސާ ނެގިކަމަށް ތުހުމަތު ކުރެވެނު މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި

Author
ހުސައިން
26 ސެޕްޓެމްބަރ 2024 05:25
0

ސޯސަންމަގުގައި ހުންނަ ފާމަސީއެއްގެ ޓިނުނަގައި ސީލިންގ ފަޅާލައިގެން ވަދެ 24,830 ރުފިޔާ ނެގިކަމަށް ތުހުމަތުކުރެވުނު މީހެއްގެ މައްޗަށް ކުރެވުނު ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފިއެވެ. މި މައްސަލައިގައި ދަޢުވާ އުފުލިފައިވަނީ ގދ. ތިނަދޫ، ދިލްބަހާރުގޭ އަޙްމަދު ނިއުޝަމްގެ މައްޗަށެވެ.

ޝަރީޢަތުގެ މަރުޙަލާގައި ނިއުޝަމް ދަޢުވާއަށް އިންކާރުކުރި ނަމަވެސް، ކުރިން އިޢުތިރާފުގެ އެއްބަސްވުމެއް ހުށަހަޅާފައިވިއެވެ. ނަމަވެސް ދަޢުވާއަށް އިންކާރުކުރުމާ ގުޅިގެން އެ އެއްބަސްވުން ބަލައިނުގަތުމަށް ޝަރީޢަތުން ނިންމިއެވެ. ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ފުލުހުންގެ ބަޔާންތަކާއި ތަޙުޤީޤާ ގުޅޭ ރިޕޯޓުތައް ހިމެނުނެވެ.

ޝަރީޢަތުން ފާހަގަކުރިގޮތުގައި، ނިއުޝަމް މި ޢަމަލު ހިންގިކަން ސާބިތުކޮށްދޭ އެކަށީގެންވާ ހެކި ދައުލަތުން ހުށަހަޅާފައެއް ނުވެއެވެ. ޚާއްޞަކޮށް ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިނުވާކަމާއި، އަދި ކުށުގެ ވެށިން ނެގުނު ފިންގަރޕްރިންޓް ނިއުޝަމްގެ އިނގިލީގެ ނިޝާނާ ދިމާނުވާކަން ފާހަގަކުރެވުނެވެ.

މި މައްސަލަ ބެއްލެވި ޤާޟީ އިބްރާހިމް އިޙްސާން ނިންމެވީ، ދައުލަތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކަށް ބަލާއިރު ނިއުޝަމްގެ މައްޗަށް ކުރެވުނު ދަޢުވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާކަމަށެވެ. މި ހުކުމާއެކު، ނިއުޝަމްގެ މައްޗަށް ކުރެވުނު ދަޢުވާއިން އޭނާ ވަނީ ބަރީޢަވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.