ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ޑޮކްޓަރުންގެ ޖަމިއްޔާ އިން ގޮވާލައިފިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާ ކަމަށެވެ.
އަދި ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މެޑިކަލް އެސޯސިއޭޝަނުން ބުނީ ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުމެވެ. އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވަމުންދާއިރު، އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން މަރުވާ މީހުން ކަމަށް ބަޔާނުގައިވެއެވެ. އެ ސަބަބުތަކާ ހެދި ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި ވޭޕް އެތެރެކުރުން މަނާކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފައެވެ.
ވޭޕާއި އީ-ސިނގިރޭޓަކީ ގެއްލުން ކުޑަ އެއްޗެހިތަކެއް ކަމަށް ބުންޏަސް، އެ ބާވްތަކުން ސިއްހަތަށް ގެއްލުން ހުރިކަން އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށާއި އޭގައި ހިމެނޭ އެކި ފްލޭވާތަކަކީ ޒުވާން ޖީލު ދެވި ހިފުމަށް ބޭނުންކުރާ އުކުޅެއްކަން ތަފާސް ހިސާބުތަކުން ވެސް ހާމަވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއެކު ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް މެޑިކަލް އެސޯސިއޭޝަނުން އެދުނުއިރު، ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ވެސް ވަނީ އެ ބާވަތްތައް އެތެރެކުރުން މަނާކޮށް ދިނުމަށް މި ސަރުކާރުގައި އެދިފައެވެ.