މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިން އަދަދު 1.5 މިލިއަނަށް އަރައިފި

މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިން އަދަދު 1.5 މިލިއަނަށް އަރައިފި

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1,463,507 އަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާރު އެވްރެޖްކޮށް ދުވާލަކު 5,461 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާއިރު، އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ ހަފުތާއެކެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. ޗައިނާއަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާފައިވާ ޤައުމެވެ. އެ ޤައުމުން 214,102 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 159,129 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ޖުމުލަ 62,814 އެނދު ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ގެސްޓްހައުސް އެނދުގެ އަދަދު މިއަހަރުގެ ތެރޭގައި 1,246 އިން އިތުރުވެ، 14,903 އަށް އަރާފައިވާއިރު، ރިސޯޓުތަކުގެ އަދަދަށް ކުޑަ ދަށްވުމެއް އައިސްފައިވެއެވެ. އަހަރު ފެށުނުއިރު 176 ރިސޯޓުގައި 43,279 އެނދު ހުރިއިރު، މިހާރު އެ އަދަދު 174 އަށް ދަށްވެފައިވަނީ އޮފް ސީޒަނަށް ބައެއް ރިސޯޓުތައް ބަންދުކުރުމާ ގުޅިގެންނެވެ.

ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާވަމުން އަންނަނީ އއ. ތޮއްޑޫގައި ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ގެސްޓްހައުސް އެނދުގެ ގޮތުން މިވަގުތު މާފުށި އެންމެ ކުރީގައި އޮތްކަމަށްވެސް ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *