ހުޅުމާލޭގައި ހަދާ ރައުންޑްއެބައުޓްތަކަށް މޮނިއުމެންޓްތައް ޑިޒައިންކުރުމަށް، 100،000ގެ އިނާމްލިބޭ މުބާރާތެއް ފަށައިފި

ހުޅުމާލޭގައި ހަދާ ރައުންޑްއެބައުޓްތަކަށް މޮނިއުމެންޓްތައް ޑިޒައިންކުރުމަށް، 100،000ގެ އިނާމްލިބޭ މުބާރާތެއް ފަށައިފި

އެޗްޑީސީން ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް އިތުރު ފަސޭހަކަމެއް ގެނައުމަށްޓަކައި ހަދަމުންދާ ރައުންޑްއެބައުޓްތަކަށް ހާއްސަ މޮނިއުމެންޓްތަކެއް ޑިޒައިންކުރުމުގެ މުބާރާތެއް އިއްޔެ ފަށައިފިއެވެ. މި މުބާރާތުގެ މަޤްސަދަކީ ހުޅުމާލޭގެ ލޭންޑްސްކޭޕަށް އައު ސިފައެއް ގެނައުމާއެކު "ދިވެހީންގެ ރާއްޖެ" ރަމްޒުކޮށްދޭ މޮނިއުމެންޓްތަކެއް ހެދުމެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާޓިސްޓުންނާއި، ޑިޒައިނަރުންނާއި އަދި އާކިޓެކްޓުންނަށް ހުޅުވާލާފައެވެ. އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި މޮނިއުމެންޓްތައް ޑިޒައިންކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ޝަރުތުތައް ހިމެނޭ ގައިޑްލައިނެއް ވެސް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.

މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، އާކިޓެކްޓުންނަށާއި އަދި ގުޅުންހުރި ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށެވެ. އަދި ފަސް މީހުންގެ ޓީމަކުން ގުޅިގެން ވެސް ޑިޒައިންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ގައިޑްލައިނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖުމްލަ 17 މޮނިއުމެންޓް ޑިޒައިންކުރާނެ ކޮންސެޕްޓްތައް ވަކިވަކިން ހުށަހަޅަންޖެހޭނެއެވެ. މި ޑިޒައިންތައް ހަދަންޖެހޭނީ ޓްރެފިކަށް އެއްވެސް ހުރަހެއް ނޭޅޭ ގޮތަށާއި، ރޯޑް ސޭފްޓީގެ ގަވާއިދުތަކަށް ފެތޭ ގޮތަށެވެ. އަދި މެއިންޓެނަންސްގެ ޚަރަދު ކުޑަވާނެ ގޮތަށާއި، ފެން ނުވަތަ ކަރަންޓު ބޭނުންކުރަން ނުޖެހޭ ގޮތަށް ޑިޒައިންކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ކޮންމެ މޮނިއުމެންޓަކުން ވެސް ދިވެހިންގެ އުސޫލުތަކާއި، ގައުމިއްޔަތާއި، ސަގާފަތާއި، ތަރިކައާއި އަދި ތާރީޚު ރަމްޒުކޮށްދޭންޖެހޭނެ ކަމަށް ގައިޑްލައިނުގައި ބަޔާންކޮށްފައިވެއެވެ. މި މުބާރާތަށް ޑިޒައިންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ. އަދި މުބާރާތުން މޮޅުވާ ފަރާތެއް އިޢުލާންކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *