ސްރީ ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ސްރީ ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ސްރީ ލަންކާގެ އަލަށް އައްޔަންކުރެވުނު ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ފާޅުކުރެއްވި ޝުޢޫރުތަކުގައި، ޑރ. ހަރަނީގެ ލީޑަރޝިޕްގެ ދަށުން ލަންކާއަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ. އަދި ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު ވެސް ފާޅުކުރައްވާފައިވެއެވެ.

މީގެ ކުރިން، ރައީސް މުއިއްޒު ވަނީ ލަންކާގެ އައު ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަށް ވެސް މަރުހަބާ ދަންނަވާފައެވެ. އެ މުނާސަބަތުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އަވައްޓެރި ސްރީލަންކާއާއި ރާއްޖޭގެ ދެމެދުގައިވާ ތާރީޚީ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އަނޫރާގެ މުސްތަޤުބަލަށް ކާމިޔާބީ އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒުގެ މި މެސެޖަށް ޖަވާބު ދެއްވަމުން، ޑިސަނާޔަކަ ވިދާޅުވެފައިވަނީ ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، މުޅި ސަރަހައްދުގެ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ފާއިތުވި ހޮނިހިރު ދުވަހު ބޭއްވުނު ލަންކާގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. މި އިންތިޚާބުގައި 38 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މީގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެހެން މުހިންމު ކެންޑިޑޭޓުންގެ ތެރޭގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ، އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިދު ޕްރެމަޑާސާ، އަދި ކުރީގެ ޗީފް އޮފް ޑިފެންސް ސްޓާފް ސަރަތު ފޮންސޭކާ ހިމެނެއެވެ.

އިންތިޚާބުގެ ނަތީޖާއިން ދައްކާ ގޮތުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ އަނޫރާ ކުމާރަ ޑިސަނާޔަކައަށެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަޑާސާއަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *