ފުވައްމުލަކު ސިޓީގައި ވާލުގެ އުދަގޫ ބޮޑުވެ، ބަޑިޖަހައިގެން ވާ މެރުމަށް ނިންމައިފި

ފުވައްމުލަކު ސިޓީގައި ވާލުގެ އުދަގޫ ބޮޑުވެ، ބަޑިޖަހައިގެން ވާ މެރުމަށް ނިންމައިފި

ފުވައްމުލަކުގައި ވާލުގެ އުނދަގޫ އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާތީ، މި މައްސަލަ ހައްލުކުރުމަށް ބަޑިޖަހއިގެން ވާލު މެރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ވާލުގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ލިބެމުންދާ ގެއްލުމުގެ އިތުރުން، ރަށުގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އެކި ވަރުގެ އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދެއެވެ.

މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ފުވައްމުލަކު ސިޓީ ކައުންސިލާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން، މާދަމާއިން ފެށިގެން ވާ މަދުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވެއެވެ. މި ޕްރޮގްރާމުގެ ދަށުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުން ފެށިގެން ރަށުގެ އެކި ސަރަޙައްދުތަކުގައި ވާލަށް ބަޑިޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން ކައުންސިލުން އާންމުންގެ ސަމާލުކަމަށް ގެނެސްދީފައިވެއެވެ.

މިފަދަ މައްސަލަތަކަކީ ހަމައެކަނި ފުވައްމުލަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ކުރީގައިވެސް ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ވާލާއި ކާޅުގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާ ޙާލަތްތަކުގައި، މިފަދަ ފިޔަވަޅުތައް އަޅައި ބަޑިޖަހައިގެން އެ ޖަނަވާރުތައް މަދުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. މި ފިޔަވަޅަކީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް އެޅޭ ކުއްލި ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *