ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ޑރ.އިޔާޒު ސިފަކުރައްވައިފި

ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ޑރ.އިޔާޒު ސިފަކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 02:23
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ޝައިޚު ޑރ.މުހައްމަދު އިޔާޒު ސިފަ ކުރައްވައިފިއެވެ.

ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ގެ ތަހުނިޔާ އެދުވަސް ފާހަގަކުރާ އެންމެނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންނެވުމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ މިމައްސަލާގައި އެބޭފުޅުން ދެކޭގޮތުގައި ރައުޔުނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ރައީސް ނަޝީދު ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައިވާއިރު ރާއްޖޭގެ ސިޔާސީ އެހެން އެއްވެސް ބޭފުޅަކު މިދުވަހާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އަދި މިދުވަހަކީ އިސްލާމްދީނުގައި ފާހަގަކުރުން ހުއްދަކުރާ ދުވަހަކަށް ނުވާއިރު، މިކަމުގައި ބައިވެރިނުވުމަށް ދުރާލައި އިލްމުވެރިން ދިޔައީ އިލްތިމާސް ކުރަމުންނެވެ.

ރައީސް ނަޝީދު މިދުވަސް ފާހަގަކުރުމަށް ކޮށްފައިވާ ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މީގެކުރިންވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެކަމަށްބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫހަޖާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުންކަމުގައެވެ.

ތިމާ ނިސްބަތްވާ ޕާޓީނޫން މީހަކު ކަމަކު އެދިއްޖެނަމަ ތިމާގެ ހުރި ނުބައިކަން ދައްކަން ބުނިމީހާ، އަދި ތިމާގެ ޕާޓީ މީހުންނަށް ނަގަންވީ އެއްޗެއް ނަގާފައި ނޫނީ އެހެން މީހަކަށް ނުދޭނެކަމަށް ބުނާމީހާ، އޭނާގެ މައިން ބަފައިން ދަސްކޮށްދީފައިވާ އިސްލާމް ދީނައި، އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން. އަދި އެއީ އިސްލާމް ދީނުގެ އަދުއްވެއްކަން. ދިވެހި ރައްޔިތުން އޭނަގެ ނުރައްކާތެރި ކަމާއިމެދު ސަމާލުވާންޖެހޭ.

– އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ ޣައިރު މުސްލިމުންނަށް ހިތާމައެއް ކުރިމަތިވުމުން އެކަމުގައި މުސްލިމުން ބައިވެރިވުމާއި، އެމީހުންގެ އަޤީދާއާއި ގުޅުންހުންނަ ކަންކަމުގައި ބައިވެރިވުމާއި ވަރަށްބޮޑަށްވެސް ތަފާތުވާނެކަމަށެވެ.

ޣައިރު މުސްލިމުންނަށް ލިބޭ އުފަލާއި ހިތާމާގައި ބައިވެރިވުމާއި، އެމީހުންގެ ޝިރުކުގެ އަޤީދާގެ ދަށުން ކުރާ ކަންކަމަށް މަރުހަބާ ކިޔާ އެކަމުގައި ބައިވެރި ވުން އަޅާ ނުކިޔޭނެ. މުސްލިމުންގެ އަޤީދާއަކީ ﷲ އެއްކައުވަންތަ ކުރުން. މިޔާ ޚިލާފުވާ ކަމެއްގައި މުސްލިމުން ބައިވެރިއެއް ނުވާނެ. ޣައިރު މުސްލިމުންގެ އީދުތައް ފާހަގަކޮށް، އަދި އެފަދަ ކަންކަތައްތަކަށް ތަހުނިޔާ ކިޔާ މީހަކު ލައްވާ ދީނީ ފޮތް ނެރުމާއި، ފާދިރީއަކު ލައްވައި އެކަން ކުރުމުގެ ތަފާތެއް އެބައޮތޯ؟

– އިޔާޒު ވިދާޅުވިއެވެ.

ޢައިރު ދީންތަކުން ފާހަގަކުރާ އެމީހުންގެ އެކި އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިންގެ ޖަމްއިއްޔާއިން ވަނީ ގޮވާލައި ބަޔާނެއްވެސް ނެރެފައެވެ.  އިއްލުމުވެރިންގެ ގުޅުމުން އާއަހަރާއި ދިމާކޮށް ޢައިރު ދީންތަކުގެ މީހުން އެމީހުންގެ އީދެއްގެ ގޮތުގައި ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ހަރަކާތުގައި މުސްލިމު ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ގޮވާލައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމުގައެވެ.

ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Imaaz
Aharumenge eidh gaai emeehun aharumena thahuniyaa kiyaa