ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ވިލިފުށި ދާއިރާގެ ރިޔާޒު ރަޝީދުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވެއެވެ. މި ދަޢުވާ އުފުލާފައިވަނީ އޯވަރ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްފައިވާ 5,900,000 ރުފިޔާ އެއްބަސްވުމުގައިވާ ގޮތަށް ނުދައްކާތީއެވެ. މި މައްސަލައިގައި ރިޔާޒާއި އޭނާގެ ޢާއިލީ ކުންފުނި ހިމެނޭގޮތަށް ހަތް މީހެއްގެ މައްޗަށް ދަޢުވާ ކޮށްފައިވެއެވެ.
އެސްބީއައި އިން އެދިފައިވަނީ، ކްރެޑިޓް ފެސިލިޓީ ދޫކުރިއިރު އެއްބަސްވެފައިވާ ގޮތަށް ރިޔާޒާއި އޭނާގެ ޢާއިލީ ކުންފުނިން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ، އެސްބީއައި އިން ހުޅުވާފައިވާ އެކައުންޓް ބަންދުކުރެވެންދެން ނުދައްކާ ހުރި ފައިސާއާއި އޭގެ އިންޓަރެސްޓަށް އަރާ ފައިސާ އެއްކޮށް ހޯދުމަށެވެ. އަދި އެ ފައިސާ އެއްފަހަރާ ނުދެއްކޭނަމަ، ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ ތަކެތި ވިއްކާލުމުގެ ހުއްދަ ދިނުމަށްވެސް ކޯޓުގައި އެދިފައިވެއެވެ.
ރަހުނުކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ގ. ސިނަމޯގެ، ގ. އަންޒާނީގެ، ގ. އަންޒާނީގޭއާގެ، މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައިވާ ހުޅުމާލޭ ލޮޓު، ރިޔާޒު ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ރިޔާ 1، ރިޔާ 2، ރިޔާ 3 އުޅަނދުތަކާއި، މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ރިޔާ 8، ރިޔާ 10، ރިޔާ 7، ސަންސްޕީޑް 1 އަދި ސަންސްޕީޑް 2 އެވެ.
އިއްޔެ ސިވިލް ކޯޓުގައި މި މައްސަލައާ ގުޅިގެން ކޯޓުގެ އިޚްތިޞާޞްއާ ގުޅޭގޮތުން ގޮތެއް ނިންމާފައިވެއެވެ. އެގޮތުން އެސްބީއައި އިން ކޮށްފައިވާ މި ދަޢުވާ ކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމާފައިވެއެވެ.