12 އަހަރު ކުރިން މަރާލި ސާޖަންޓް އާދަމް ހަލީމްގެ މަރުގެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް!

12 އަހަރު ކުރިން މަރާލި ސާޖަންޓް އާދަމް ހަލީމްގެ މަރުގެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް!

ގުޅުންހުރި

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަކުން، ކ. ކާށިދޫގައި 12 އަހަރު ކުރިން ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި މުހައްމަދު ސަމާހުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ނިންމައިފިއެވެ.

2012 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ރޭ، ކާށިދޫގައި ޑިއުޓީ އަދާކުރަމުންދިޔަ އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލިކަން ސުވާސާގޭ ސަމާހުގެ މައްޗަށް ސާބިތުވެފައިވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށްފަހު، ހައިކޯޓުން ވެސް އެ ހުކުމް ދަމަހައްޓާފައިވެއެވެ.

މައްސަލައިގެ ތަހުގީގު މަރުހަލާގައި ސަމާހު ވަނީ ކުށަށް އިއުތިރާފްވެފައެވެ. ނަމަވެސް ފަހުން އޭނާ ބުނެފައިވަނީ ފުލުހުންގެ އަނިޔާއާއި ބިރުދެއްކުމުގެ ސަބަބުން މަޖުބޫރުވެގެން އިއުތިރާފްވީ ކަމަށެވެ. ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ މި އިއުތިރާފުގެ މައްޗަށް ބިނާކޮށެވެ. އަދި ހުރިހާ ވާރިސުން ގިސާސް ހިފަން އެދުމުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެއެވެ.

ހައިކޯޓުގެ ހުކުމާ ދެކޮޅަށް ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފުގައި ސަމާހު ފާހަގަކޮށްފައިވާ ގޮތުގައި، ތަހުގީގުގައި އޭނާ އިއުތިރާފުވެފައިވަނީ ފުލުހުންގެ މަޖުބޫރުކުރުވުމާއި ބިރުދެއްކުމުގެ ސަބަބުންނެވެ. އަދި ޝަރީއަތުގައި ބުނެފައިވަނީ އާދަމް ހަލީމް މަރާލީ ގަސްތުގައި ނޫން ކަމަށާއި، އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. ފަހުން ކްރިމިނަލް ކޯޓުގައި ސަމާހު ވަނީ އިއުތިރާފުން ރުޖޫއަވެފައެވެ.

ދައުލަތުގެ ފަރާތުން ބުނެފައިވަނީ ސަމާހުއަށް އަނިޔާވެފައިވަނީ އޭނާ ހައްޔަރު ކުރަން އުޅުމުން ނުދާން ގަދަހެދުމުގެ ސަބަބުން ކަމަށެވެ. އަދި ސަމާހު ބުނާ އަނިޔާގެ މައްސަލަ ފުލުހުންގެ އިންޓެގްރިޓީ ކޮމިޝަނަށް ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ފަނޑިޔާރު ހުސްނުއް ސުއުދު ވިދާޅުވެފައިވަނީ، ސަމާހުއަށް ފުލުހުން އަނިޔާކުރިކަން ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ނުދިނުމަކީ އިޖުރާއީ ގޯހެއް ކަމަށެވެ. އަދި ދެފަހަރު ދެގޮތަކަށް އިއުތިރާފުވެފައިވާއިރު، އޭގެ ތެރެއިން ދައުލަތަށް ބޭނުންވާ ބައި އެކަނި ނަގައިގެން ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، މައްސަލަ ސާބިތުކޮށްފައިވަނީ ހަމައެކަނި އިއުތިރާފުގެ މައްޗަށް ކަމަށްވާތީ، އިތުރު މިނިވަން ހެކި ހުށަހަޅާފައި ނުވާކަން ވެސް ފާހަގަކުރެއްވިއެވެ.

ސާޖަންޓް އާދަމް ހަލީމް މަރާލާފައިވަނީ ސަމާހު ގޭބަންދުގައި ހުއްޓައި ރަށުތެރޭގައި އުޅެނިކޮށް ހައްޔަރުކުރަން އުޅުނު ވަގުތުއެވެ. އެވަގުތު ސަމާހު ހުރީ މަސްތުގެ ހާލަތުގައެވެ. ސާޖަންޓް އާދަމް ހަލީމްގެ ހަނދާނުގައި ހ. ފޯވިންޑްގައި ފުލުހުންގެ ތަހުގީގުތަކަށް ޚާއްސަކޮށްގެން އިމާރާތްކުރި ތަނަށް "ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ" ގެ ނަން ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ