ސްރީ ލަންކާގެ އައު ރައީސް އަނުރާ ކުމާރާ ދިސަނާޔަކެ މަޤާމުގެ ހުވާ ކުރައްވައިފިއެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދިސަނާޔަކެ ވަމީ އެ ގައުމު އިޤްތިޞާދީ ޙާލަތުން އަރައިގަންނަމުންދާއިރު، "ސާފު" ސިޔާސަތެއް ގެންގުޅުއްވާނެ ކަމުގެ ވައުދު ވެވަޑައިގެންފައިވެއެވެ.
ވާތުފިޔައަށް ބުރަވާ ދިސަނާޔަކެ އަކީ މިހާރު އޮތް ނިޒާމަށް ބަދަލު ގެންނަވާނެ ބޭފުޅެއްގެ ގޮތުގައި އަމިއްލަފުޅަށް ސިފަކުރައްވާފައިވެއެވެ. އަދި އޭނާގެ ކާމިޔާބީއަކީ ގައުމުގައި ދިގު މުއްދަތަކަށް ފެތުރިފައިވާ ކޮރަޕްޝަނާއި ގާތްތިމާގެ މީހުންނަށް މަންފާ ހޯދައިދިނުމަށް ދެކޮޅު ހެދުމެއް ކަމުގައި ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބަކީ ސްރީ ލަންކާގައި 2022 ގައި ބޭއްވުނު އިންތިޚާބުގެ ފަހުން ބޭއްވުނު ފުރަތަމަ އިންތިޚާބެވެ. 2022 ގައި އިޤްތިޞާދާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން ބޮޑެތި މުޒާހަރާތައް ކުރެވި، ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވެރިކަމުން ދުރުކުރެވުނެވެ.
"އަޅުގަނޑުމެން އައު، ސާފު ސިޔާސީ ސަގާފަތެއް ޤާއިމްކުރަން ޖެހެއެވެ،" އޭނާ ވިދާޅުވިއެވެ. "މިކަން ހާސިލުކުރުމަށް އަޅުގަނޑު އަޒުމު ކަނޑައަޅަމެވެ. ރައްޔިތުންގެ އިހްތިރާމާއި ސިޔާސީ ނިޒާމާ މެދު އޮތް އިތުބާރު އަނބުރާ ހޯދުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ."
އުމުރުން 55 އަހަރުގެ، އޭކޭޑީ ގެ ނަމުން މަޝްހޫރު ދިސަނާޔަކެ، ސްރީ ލަންކާ ރައްޔިތުންނަށް ވިދާޅުވީ "ޑިމޮކްރަސީ ނިމިގެން ނުދަނީ ހަމައެކަނި ވެރިޔަކު ހޮވުމާއެކު ނޫން" ކަމަށެވެ.
"އަޅުގަނޑުމެން ޑިމޮކްރަސީ ވަރުގަދަ ކުރަން ޖެހެއެވެ. ޑިމޮކްރަސީ ރައްކާތެރިކުރުމަށް އަޅުގަނޑުގެ އެންމެ މަތީ މިންވަރަކުން މަސައްކަތް ކުރުމަށް އަޅުގަނޑު އިޤުރާރުވަމެވެ،" އޭނާ ވިދާޅުވިއެވެ.
"ކުރިންވެސް އަޅުގަނޑު ބުނެފައިވާނެ އަޅުގަނޑަކީ ޖާދޫގަރެއް ނޫން ކަމަށް – އަޅުގަނޑަކީ އާދައިގެ ރައްޔިތެކެވެ. އަޅުގަނޑަށް އެނގޭ ކަންތައްތަކާއި ނޭނގޭ ކަންތައްތައް ހުރެއެވެ. އަޅުގަނޑުގެ މަޤްޞަދަކީ މި ޤައުމު އުފުލުމަށް އެހީތެރިވެދެވޭނެ ޢިލްމާއި ހުނަރު ހުރި މީހުން އެއްކުރުމެވެ."
ދިސަނާޔަކެ އޭނާގެ ވާހަކަފުޅު ނިންމެވުމާއެކު ބުދުދީނުގެ ދުޢާއެއް ލިބިވަޑައިގަތެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސްރީ ލަންކާގެ އެހެން މައިގަނޑު ދީންތައް ކަމުގައިވާ އިސްލާމްދީން، ހިންދޫދީން އަދި ކިރިސްތިއާނު ދީނުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަތެވެ. މިއީ އައު ރައީސް ތަފާތުތަކަށް ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
ރަސްމިއްޔާތުގެ ކުރީ ދުވަހު ނެރުއްވި ބަޔާނެއްގައި ދިސަނާޔަކެ ވިދާޅުވީ "ސިންހަލަ، ތަމިޅި، މުސްލިމުން އަދި ސްރީ ލަންކާގެ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަކަމަކީ މި އައު ފެށުމުގެ ބިންގަލެވެ."
ކެމްޕޭނުގެ ތެރޭގައި، ދިސަނާޔަކެ ވޯޓު ދޭ ފަރާތްތަކަށް ވަޢުދުވެވަޑައިގަތީ ރަނގަޅު ވެރިކަމަކާއި ހަރުކަށި އެންޓި-ކޮރަޕްޝަން ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.
އޭނާ ވަނީ ސްރީ ލަންކާގެ މެނުފެކްޗަރިންގ، ދަނޑުވެރިކަން އަދި އައި.ޓީ ދާއިރާތައް ތަރައްޤީކުރުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ސްރީ ލަންކާ އިޤްތިޞާދީ ބޮޑު ހީނަރުކަމުން އަރައިގަތުމަށް ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމަށާއި، އޭގެ ހަރުކަށި ފިޔަވަޅުތަކުގެ އަސަރު ޤައުމުގެ އެންމެ ނިކަމެތިންނަށް ކުޑަކުރުމަށްވެސް އާ ރައީސް ވައުދުވެވަޑައިގެންފައި ވެއެވެ.
ދިސަނާޔަކެ ހުވާކުރެއްވުމުގެ ކުރިން ސްރީ ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދޭނާ އިސްތިޢުފާ ދެއްވައިފިއެވެ. މިއީ ޕާލަމެންޓް އުވާލުމުގެ މަގު ތަނަވަސްކޮށްދޭ ކަމެކެވެ.
ކުރިން ބީބީސީ ސިންހަލައަށް ދެއްވި އިންޓަވިއުއެއްގައި، ދިސަނާޔަކެ އިޝާރާތްކުރެއްވީ އިންތިޚާބުވުމަށްފަހު އަވަހަށް ޕާލަމެންޓް އުވާލައްވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ގޮތާ އެއްގޮތް ނުވާ ޕާލަމެންޓެއް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތެވެ،" އޭރު އޭނާ ވިދާޅުވިއެވެ.
އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުގައި ޖުމްލަ ވޯޓުގެ 50% އަށްވުރެ ގިނަ ވޯޓު ނުލިބުމާ ގުޅިގެން، އާދީއްތަ ދުވަހު ވޯޓު ގުނުން ދެވަނަ ބުރަކަށް ދިޔުމަށްފަހު ދިސަނާޔަކެ ކާމިޔާބު ކުރެއްވިއެވެ.
ރައީސްކަމަށް ދެވަނަ އަދި ތިންވަނަ ޗޮއިސްގެ ވޯޓުތައް ގުނުމަށްފަހު، އިލެކްޝަން ކޮމިޝަނުން ބުނީ ދިސަނާޔަކެ ވަނީ ޖުމްލަ 5,740,179 ވޯޓާއެކު ކާމިޔާބު ކުރައްވާފައި ކަމުގައެވެ.
އިދިކޮޅު ލީޑަރު ސަޖިތް ޕްރެމަދާސާ ދެވަނައަށް އައީ 4,530,902 ވޯޓާއެކުއެވެ. ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގެއަށް ފުރަތަމަ ބުރުގައި 2,299,767 ވޯޓު ލިބިވަޑައިގަތުމާއެކު ދެވަނަ ބުރުން އެކަހެރިކުރެވުނެވެ.