މިއަދުގެ ސުނާމީއަކީ ލޮލަށްނުފެންނަ ހުރިހާ ގުޅުމެއް ބުރި ބުރި ކުރަމުންދާ ސުނާމީއެއް: ޝާހިދު

މިއަދުގެ ސުނާމީއަކީ ލޮލަށްނުފެންނަ ހުރިހާ ގުޅުމެއް ބުރި ބުރި ކުރަމުންދާ ސުނާމީއެއް: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 11:03
0

މިއަދު ދުނިޔެއާއި ކުރިމަތިލާފައިވާ ސުނާމީއަކީ ލޮލަށް ނުފެންނަށް، ދުނިޔޭގެ ޤައުމުތަކުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބުރި ބުރިކޮށް، ނަތިކޮށްލާފަދަ ނުރައްކާތެރި ސުނާމީއެއް ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސުނާމީއަށް 16 އަހަރު ފުރިގެންދާއިރު، ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް ވެދެއްވަފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުމަށް މިއަދު ފޮރިން މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ސުނާމީގެ16 އަހަރަށްފަހު މިއަދު ކުރަންޖެހިފައިވާ ހިތްދަތި ތަޖުރިބާތައް މާބޮޑުކަމަށެވެ. މުޅި ދުނިޔެ އެކީ ބަންދުވެ، ޤައުމުތަކުގެ މެދުގައި ކުރަމުންދިޔަ ދަތުރުތައް ހުއްޓި، ތަރައްޤީގެ ކަންކަންވެސް މަޑުޖެހިފައިވާކަމަށެވެ. މިއީ ކުރިން ކުރިމަތިވި ރާޅުގެ ސުނާމީއަށްވުރެ ނުރައްކާތެރި ލޮލަށް ނުފެންނަ ވައިރަހުގެ ސުނާމީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިއަދު މިކުރިމަތިލާފައިވާ ނުރައްކަލަކީވެސް ކުޑަ ނުރައްކަލެއްނޫން. އަޅުގަނޑުމެންގެ މިއަދުގެ ކުރިމަތީގައި މިވަނީ ބިޔަބޮޑު ރާޅެއްގެ ސިފައިގައި އައިސް ޖައްސާފައިވާ ބޮޑު ސުނާމީއެއް. ތަފާތަކީ އެސުނާމީއަކީ ލޮލަށް ފެންނަ ސުނަމީއަކަސް ނުވުން. އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް.

– ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ މި ނުރައްކަތެރި ސުނާމީގައި އެތައްބަޔަކު ދުނިޔެއާއި ވަކިވެ، އެތައްބަޔަކު މި ހިތްދަތިކަމުގައި ދުވަސްތައް ގުނަމުންދާކަމަށެވެ. މިކަމުގައިވެސް އޮތީ އެއްބައިވަންތަވުން ކަމަށާއި، ދިވެހިންގެ ތެރެއިން އެކަން ފެނަމުންދާކަމަށެވެ.

މުޅި ދުނިޔޭގެ ހުރިހަ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި، އުޚުތުން އެނުރައްކަލުގައި އެވަބާގައި ޖެހި، އަޅުގަނޑުމެންނާއި ވަކިވެ އަލްވަދާއު ކިޔާފައިވާ ސުނާމީއެއް. އެހެން ނަމަވެސް މިނުރައްކާތެރި ދަނޑިވަޅުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ވަރުގަދަ ހިތްވަރާއި، އެކުވެރިކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން.

– ޝާހިދު ވިދާޅުވިއެވެ.

ކޯވިޑްގެ ނުރައްކާތެރި ވަގުތުގައިވެސް ދިވެހި ޚިދުމަތްތެރިން ޚާއްސަކޮށް، ޞިއްޚީ ޚިދުމަތްތެރިންނާއި، ޤައުމުގެ ސަލާމަތީ ބާރުތަކާއި، އާންމު ޚިދުމަތްތައް ދެއްވާ ބޭފުޅުން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ކުރައްވަމުންދާ ޚިދުމަތަކީ ޝުކުުރު ޚައްޤު ޚިދުމަތްތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނުރައްކާތެރި ވަބާ ދިވެހި ރާއްޖެއަށް ކުރިމަތިވި ވަގުތު ރާއްޖޭގައި މަސައްކަތް ކުރައްވާ ޞިއްޚި ދާއިރާގެ ބޭފުޅުންނާއި، ރާއްޖޭގެ ދިފައީ ބާރުތަކާއި، ރާއްޖޭގެ އަސާސީ ޚިދުމަތް ދެއްވާ ހުރިހާ ފަރާތަކުން އަމިއލަ ނަފްސާ ދޭތެރޭ ވިސްނާ ވަޑައި ނުގެތް މުޅި މުޖުތަމައުއާއި އަޅުގަނޑުމެން އެންމެންގެ ރައްކަލަށްޓަކައި ނިކުމެ ވަޑައިގެން އެކުރައްވަމުން ގެންދަވާ ޖިހާދު އެއީ މިއަދު އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ޖިހާދެއް. މިއަދު އަޅުގަނޑުމެން އެ އެންމެ ބޭފުޅުންނަށް ޝުކުރުވެރިވަން. އެ އެންމެ ބޭފުޅުންނަށް އަޅުގަނޑުމެން މިއަދު ސެލިއުޓް އަރުވަން.

– ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ރާއްޖެއަށް ދިމާވާ އެކި ހާދިސާތަކާއި، ހިތްދަތި ހާލަތްތަކުގައި ބޭރުގެ ޖަމްއިއްޔާ، ޖަމާއަތްތަކާއި، ބޭރުގެ ޤައުމުތަކުން ދެއްވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ބޭރުގެ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި، ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ބައިވެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.