އިތުރަށް ތަރައްޤީކުރުމަށްޓަކައި ބީލަމަށް ހުޅުވާލާފައިވާ ފަޅުތަކާއި ރިސޯޓުތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސްފި

އިތުރަށް ތަރައްޤީކުރުމަށްޓަކައި ބީލަމަށް ހުޅުވާލާފައިވާ ފަޅުތަކާއި ރިސޯޓުތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސްފި

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2024 11:43
0

ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ބީލަމަށް ހުޅުވާލާފައިވާ ފަޅުތަކާއި ރިސޯޓުތަކުގެ ލިސްޓަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ތިން ރަށެއް ލިސްޓުން އުނިކުރުމާއި، އަލަށް 6 ފަޅަކާއި އެއް ރަށް އިތުރުކުރުން ހިމެނެއެވެ. ލިސްޓުން އުނިކުރެވުނު ރަށްތަކަކީ ޅ. މައިދޫ، ޅ. ދިއްފުށި، ތ. ކަނިމީދޫ އަދި ގދ. ކަޅުހުއްޓާއެވެ. އަލަށް އިތުރުކުރެވުނު ރަށަކީ ގދ. ރާވެރިންކޮޅިހުއްޓާއެވެ. މީގެ އިތުރުން، ބ. އަތޮޅު، ކ. އަތޮޅު، ވ. އަތޮޅު އަދި އދ. އަތޮޅުން ޖުމްލަ 6 ފަޅު ވަނީ ލިސްޓަށް އިތުރުކޮށްފައެވެ.

ވުޒާރާއިން ހާމަކުރިގޮތުގައި، މި ރަށްރަށާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރެވޭނީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އިޢުލާނުކޮށްފައިވާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ވުޒާރާއިން ވަނީ ހިތްވަރުދީފައެވެ.

ޕްރޮޕޯސަލް ހުށަހަޅާއިރު، ފަޅުގެ ވަކި ސަރަޙައްދެއް ކުއްޔަށް ނެގުމަށް ހުށަހަޅާނަމަ، އެ ސަރަޙައްދާއި އޭގެ ބޮޑުމިން އެނގޭނެހެން ފާހަގަކޮށް ޕްރޮޕޯސަލްގައި ހިމަނަންޖެހޭނެއެވެ. ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް ވުޒާރާއިން ވަނީ އަންގާފައެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ވުޒާރާގެ އީމެއިލް އެޑްރެހަށް ގުޅުމަށް އިރުޝާދު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.