ރާއްޖޭގެ އުތުރުގައި ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންވާ 2 ވަނަ ބޯޓު ކުޅުދުއްފުއްޓަށް ބަނދަކު ކޮށްފިއެވެ. އެސްޓީއޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ބޭނުންކުރާ ދެވަނަ ބޯޓު ވެސް މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ކައިރީގައި ބަނދަރުކޮށްފައެވެ.
އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް އަސްލު ރޭވިފައި އޮތީ މި ނިމުނު ހަފްތާގައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް އައުން ލަސްވުމާ ގުޅިގެން ތާރީޚު ފަސްކުރަން ޖެހުނެވެ.
މިދިޔަ މާރިޗު މަހު، އެސްޓީއޯއިން ވަނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިންގ ފެސިލިޓީ" އެޅުމަށް ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. މި ކުންފުނީގެ އޮފީސްތައް ދުނިޔޭގެ 40 ޤައުމެއްގައި ހުރިއިރު، އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރ ފިއުލްގެ ގޮތުގައި ވިއްކައެވެ.
ރާއްޖޭގައި އޮފްޝޯ ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ގެނެވިފައިވެއެވެ. މީގެ ތެރެއިން "މެރިން އެންޖެލް" މި މަހުގެ 9 ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފައެވެ. އަދި "މެރިން ބެއްލާ" ވެސް މިހާރު ވަނީ އެ ސަރަހައްދުގައި ބަނދަރުކޮށްފައެވެ.
ރާއްޖޭގެ ބޯޑަރު ކައިރިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގުބޯޓު ދަތުރުކުރެއެވެ.
ކޮމެންޓު ފޮނުވާ