ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަގްރާންޑޭ މޮޅުވާން ދަނިކޮށް އީގަލްސްއިން ހިފަހައްޓައިފިއެވެ.
އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) މެޗުގެ ފަހުކޮޅު ޖެހި ގޯލާ އެކު 1-1 އިން ނަތީޖާ އެއްވަރުކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް އީގަލްސް ވަނީ ޕޮއިންޓެއް ހޯދައިފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ލިބުނު ފުރަތަމަ ކޯނަރުގައި ބަދަލުކުޅުންތެރިޔާ މުހައްމަދު ސަހާއު ފޮނުވާލި ބޯޅަށް ގޯލަށް ވައްދާ ދަ ގްރާންޑޭ އިން ވަނީ ލީޑް ނަގައިފައެވެ. ލީޑު ނެގުމަށް ފަހު ދަ ގްރާންޑޭ އިން ކައުންޓަ އެޓޭކުގައި ވަނީ ނުރައްކާ ކޮއްފައެވެ. ދަ ގްރާންޑޭގެ ގޯލަށް ފަހު އީގަލްސް އިން ފުލުފުލުގައި ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު އިޔާން ވަނީ މަތަކޮށްފަ އެވެ. ހާއްސަކޮށް މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭގެ ޒުވާން ކީޕަރު އިޔާން ވަނީ ވަަރަށް މޮޅު ކުޅެމެއް ދައްކައިފައެވެ.

އީގްލަސްއިން މެޗު ނަތީޖާ ހަމަހަމަކުރީ މެޗުގެ 86 ވަނަ މިނެޓުގައި ރިޒޭ ޖެހި ލަނޑުންނެވެ. އެއްވަރު ކުރުމަށް ފަހު އީގަލްސްގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހި އިތުރު ލަނޑެއް ޖަހަން މަސައްކަތްފަ އެވެ. ލަނޑަށްފަހު އީގަލްސްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން ދަ ގްރާންޑޭގެ ބިދޭސީ ކުޅުންތެރިޔާ ކޮމިލޯވް ވަނީ ބޮލުން ޖަހައި ދިފާއުކޮށްފައެވެ.
މިއަދުގެ މެޗާ އެކު ދަ ގްރާންޑޭ ވަނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. އެޓީމު ތާވަލުގެ ތިން ވަނައިގައި އޮތްއިރު ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އީގަލްސް އޮތީ ތާވަލުގެ ހަ ވަނައިގައެވެ.
ކޮމެންޓު ފޮނުވާ