ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް ފޭރިގަތް މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ކުރިން ހައްޔަރުކުރި އަންހެނާއާއެކު ބައިވެރިވި ކަމަށް ބެލެވޭ ފިރިހެން މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފައެވެ.
ހައްޔަރުކުރެވުނު ފަރާތަކީ ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް (41 އަހަރު) އެވެ. ކޯޓު އަމުރުގައިވާ ގޮތުން، ފޭރިގަތް ފައިސާ ޖަމާކޮށްފައިވަނީ މި ފިރިހެނާގެ އެކައުންޓަށެވެ. އަދި އޭނާއަކީ މިފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހެއްކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ކުރިން ހައްޔަރުކުރެވުނު އަންހެނާއަކީ އާއިޝަތު މަލްޖާ މޫސާ ދީދީ (27 އަހަރު)، ކުންނާރުގެ، ސ. މަރަދޫ އެވެ. އޭނާގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހުގެ ރޭ 9:30 ހާއިރުއެވެ. ފޭރިގަތުމުގެ ޝިކާރައަކަށްވި ފިރިހެނާއާ އަންހެނާ ދިމާވެފައިވަނީ އައިޖީއެމްއެޗް ކައިރިންނެވެ. އެއަށްފަހު، ކޮޓަރިއަކަށް ދިއުމަށް ދަޢުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސްއަކަށް ގެންގޮސްފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި، ކޮޓަރިއަށް ވަދެ ފިރިހެނާގެ ފޯނާއި ކޭޝް ކާޑު އަތުލުމަށްފަހު، ޖުމުލަ 53,000 ރުފިޔާ ފޭރިގަނެފައިވެއެވެ. މި ޢަމަލު ހިންގާފައިވަނީ އަންހެނާއާއި އިތުރު ފިރިހެނަކާ ގުޅިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. މިއަދު ހައްޔަރުކޮށްފައިވަނީ އެ ފިރިހެނާއެވެ.