ނޫ އިޤްތިޞާދުގެ ސަޅިކަމަކީ ޑޮލަރުން މުސާރަ ބޭރުމީހުންނަށް ދިނުން: ޝުޖާ

ނޫ އިޤްތިޞާދުގެ ސަޅިކަމަކީ ޑޮލަރުން މުސާރަ ބޭރުމީހުންނަށް ދިނުން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2020 02:23
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންގުޅުއްވާ ނޫ އިޤްތިޞާދުގެ ހުރި ތަފާތަކީ ޑޮލަރުން މުސާރަލިބޭ ބޮޑު މުސާރަވެރިންނަކީ ރާއްޖެއިން ބޭރު މީހުންނަށް ވުން ކަމުގައި އިދިިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑެތި މުސާރަލިބޭ ކުންފުނި ތަކުގެ އިސްވެރިންނަށާއި، ބައެއް އޮފީސްތަކުގެ ވެރިންނަށް ބޭރުމީހުން ހަމަޖައްސައި ދިވެހި ތައުލީމީ ޒުވާނުންނަށް އެފުރުސަތު ގެއްލުވާލަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވި ނޫ އިޤްތިޞާދަކީ ރާއްޖޭގެ ޒުވާނުންނާއި، ތައުލީމީ ޤާބިލް މީހުން ބާކީވާ ސިޔާސަތެއްކަން ރައީސް ޞާލިހު ހާމަކޮށްދެއްވަމުންދާކަމަށެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، އޮފީސްތަކުގެ ހިންގެވުން ބެލެހެއްޓެވީ ދިވެހި ދަރީންކަަމަ ޝުޖާ ވިދާޅުވިއެވެ. އެފައިސާއަކީ ބޭރަށް ދޫކޮށްލެވޭ ފައިސާތަކެއް ނޫންކަމަށް ޝުޖާވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިއަދު ޒުވާނުންނަށް ވަޒީފާގެ ދޮރު ބަންދުވެ، ބޭރުގެ މީހުން މަޤާމުތަކަށް ގެނެސް ރާއްޖޭގައި ހުރި މަދު ޑޮލަރުކޮޅުވެސް ބޭރަށް ފޮނުވާލެވޭނެ މަގު މިސަރުކާރުން ހުޅުވައި ތަނަސް ކުރަމުންދާކަމަށް ޝުޖާވަނީ ވިދާޅުވެފައެވެ.

ޝުޖާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ މުހިންމު މަޤާމުތަކަށް ފަހަކަށް އައިސް ބޭރުގެ މީހުން އައްޔަން ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށެވެ. އެގޮތުން ޕެންޝަން އޮފީހުގެ ތާރީހުގައިވެސް އެއޮފީހުގެ ސީއީއޯގެ މަޤާމުވަނީ ބިދޭސީއަކާއި ހަވާލުކޮށްފައެވެ. ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސިވިލާތު ބޭފުޅެކެވެ.

މިނޫންވެސް ގިނަ އިޤްތިޞާދީ ބޮޑެތި މުއައްސަސާތަކުގެ ވެރިންނަށް ދަނީ ބޭރުގެ މީހުން ހަމަޖައްސަމުންނެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލިޑިވްސްއާއި، އެއާރޕޯޓްގެ ބައެއް އިސް މަޤާމުތަކަށްވެސް ބޭރުގެ މީހުން ހަމަޖައްސަމުންދާކަން ފާހަގަކޮށްލެވެއެވެ. ކޯވިޑް-19 އާއި ގުޅިގެން ގިނަ ޒުވާނުން ވަޒީފާ ނުލިބި މަގުމަތިވެފައިވާއިރު، މިދަނޑިވަޅަކީ ބޭރުގެ މީހުން ވަޒީފާތަކަށް ގެނައުމުގެ ބަދަލުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭންވީ ވަގުތުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.