އަތުހަރު މަރުވާންއުޅުނުހާދިސާގެ ޓައިމްލައިން ހާމަކޮށްފި: ދަންޖެހިފައި ހުއްޓާ ފެނުނުތާ 23 މިނިޓްތެރޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ

އަތުހަރު މަރުވާންއުޅުނުހާދިސާގެ ޓައިމްލައިން ހާމަކޮށްފި: ދަންޖެހިފައި ހުއްޓާ ފެނުނުތާ 23 މިނިޓްތެރޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ

Author
ހުސެއިން
02 ސެޕްޓެމްބަރ 2024 12:42
0

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަންހެނަކު ރަހީނުކުރުމުގެ މައްސަލައިގައި ހައްޔަރުކުރެވުނު އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނު ހާދިސާއާއި ގުޅޭ ޓައިމްލައިން ފުލުހުން އާންމު ކޮށްފިއެވެ. މި ހާދިސާ ފާހަގަކުރެވުނީ ޖަލު ގޮޅިތަކުގެ ކެމެރާތައް މޮނިޓަރ ކުރަމުންދަނިކޮށެވެ.

އަހުމަދު އަހްތަރުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، މިހާރު އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަހްތަރު އަމިއްލައަށް މަރުވާން މަސައްކަތްކުރީ ރޭގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި އޭނާ އަމިއްލައަށް މަރުވާން އުޅުނީ ދަންޖެހިގެންނެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ޓައިމްލައިނުން ދައްކާގޮތުގައި، އަތުހަރު ދަންޖެހިފައި ހުއްޓާ ފެނިގެން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދަން 23 މިނެޓް ވަނީ ހޭދަވެފައެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރުއޮއްސި 7:02 ގައެވެ. ހަމަ އެވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި، އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށްވެސް މި ޓައިމްލައިނުން ދައްކައެވެ.

ފުލުހުން ހާމަކޮށްފައިވާ ޓައިމްލައިން

އޭގެ އަށް މިނެޓް ފަހުން 7:14 ގައި އަތުހަރު ލޯންޗެއްގައި މާލެ ގެނެވުނު ކަމަށާއި، 7:17 ގައި އެމްބިއުލާންސަށް އަރުވައި، 7:25 ގައި އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދެވުނު ކަމަށްވެސް ޓައިމްލައިނުގައި ހިމެނިފައިވެއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަހްތަރުގެ ހާލު ގޯސްވެ އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށާއި، އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އަދި އަހްތަރު ދޫނިދޫގައި ބަންދުކޮށްފައި ހުރި ގޮޅީގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމުން ޒިޔާރަތްކޮށް ތަޙުޤީޤު ފަށާފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، އެ އަންހެން މީހާ ރަހީނުކުރުމުން، އޭނާ ސަލާމަތްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން އަތުހަރަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްފަހު އޭޑީކޭ އިން އޭނާ ދޫކޮށްލީ އިއްޔެއެވެ. އޭގެފަހުން ވެސް ހާލު ގޯސްވުމުން، ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެވުނެވެ. ނަމަވެސް އޭނާގެ ހާލަތު ރަނގަޅުވުމުން އިއްޔެ ހެނދުނު ވަނީ ހޮސްޕިޓަލުން އޭނާ ދޫކޮށްލާފައެވެ. ފުލުހުން ބުނިގޮތުގައި ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައި އިއްޔެ ހަވީރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.